ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 16:52
މޫސާ ވަސީމް: މޫސަ ވަނީ 13 އަހަރު މީޑިއާގައި މަސައްކަތްކޮށްފައި
މޫސާ ވަސީމް: މޫސަ ވަނީ 13 އަހަރު މީޑިއާގައި މަސައްކަތްކޮށްފައި
ފޭސްބުކް
ނޫސްވެރިން
މި ނުކުތީ އިށީންނާނެ ގަލެއް ނުބަލައި: މޫސާ ވަސީމް
މީޑިއާއާ ދުރަކަށް ނުދަން
މޫސަ ބުނި ގޮތުގައި ޕީއެސްއެމުން ވަކިވީ ވަކި ހާއްސަ ސަބަބެއް ނެތި

މަޝްހޫރު ޓީވީ ޕްރެޒެންޓަރު، މޫސާ ވަސީމު ދައުލަތުގެ މީޑިއާގައި 13 އަހަރު މަސައްކަތް ކުރުމަށް ފަހު، އާދީއްތަ ދުވަހު އެ މީޑީއާ އިން ވަކިވެ، އޭނާ ބުނެލީ "ހެއްވާ" ވާހަކައެކެވެ. މަޖާޒީ ބަސްތަކާއި އަދަބީ ބަސްތަކުންނެވެ.

ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމުން މޫސަ ވަކިވީ ކީއްވެގެންތޯއޭ ބުނެ، ގިނަ ބަޔަކު ސުވާލު އުފައްދަމުންދާތީ، އެއަށް ޖަވާބު ދެމުން ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި މޫސަ ބުނީ އޭނާ "އުދުއްސައިގަތީ އިށީންނާނެ ގަލެއް ނުބަލައި" ކަމަށެވެ. 

އެކުވެރި ސަކަ މިޒާޖުގެ މޫސާ, މަޖާ ރާގަކަށް ބުނެލީ އޭނާގެ ނިންމުން ބިނާވެގެން ވަނީ "ދަތުރު ފެންނާނީ ފުރީމައޭ" ބުނާ އުސޫލުން އޮންނަ އަދަބީ ބަހަށް ކަމަށެވެ. މަޖާޒީ އެބަހަށް އޭނާ ނިންމުން ބިނާވެގެންވާ ކަމަށް މޫސާ ބުންޏެވެ.

"ދިވެހި ފޮތުގައި އޮންނަ އިށީންނާނެ ގަލެއް ނުބަލައި އުދުއްސައި ނުގަންނާށޭ އޮތަސް، ހަމަ އެ ފޮތުގެ އެހެން ސޮފްހާއެއްގައި އޮންނާނެ ދަތުރު ފެންނާނީ ފުރީމައޭ. އެހެންވީމަ ދެން ނިންމާ އެއިން ކޮން އަދަބީ ބަހެއްތޯ ބަލައިގަންނާނީ. އެމަކު އަޅުގަނޑު އިހްތިޔާރު ކުރާނީ ދަތުރު ފެންނާނީ ފުރީމައޭ ބުނާ ބުނުމަށް،" ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ މޫސަ ބުންޏެވެ.

މޫސަ ބުނީ ޕީއެސްއެމުން ނުވަތަ ޓީވީއެމުން ކެނޑުނީ ވަކިތަނަކަށް ގުޅުމުގެ ވިސްނުމުގައި ނޫން ކަމަށެވެ.

"ތެދަށް ބުނަންޏާ އެއްވެސް އެއްޗެއް ކުރިމަތީގައި ނެތީސް ހަމަ ނުކުތީ. ހަމަ ނުކުތީ،" މޫސަ ބުންޏެވެ.

މީޑިއާގެ ދާއިރާއިން ފެނިދާނެތޯ ސުވާލު ކުރުމުން މޫސަ ބުނީ، "ލޭގައި ހިނގަނީ އެ [މީޑިއާ]،" ކަމަށެވެ. އެންމެ އަވަހަށް މީޑިއާ އިން ފެންނާނީ ކޮންއިރަކުތޯ ސުވާލު ކުރުމުން މޫސަ ބުނީ އެއެއް ބުނަން ނޭނގޭ ކަމަށެވެ.

"މިޑީއާއަކާ ދުރެއް ނުވެވޭނެހެން ހީވަނީ. ކޮންމެވެސް ގޮތަކަށް މީޑިއާއަށް ކޮންޓްރިބިއުޓް ކުރާނަން،" ޕީއެސްއެމުން ވަކިވިއިރު، އެ މީޑިއާގެ ސީނިއާ ނިއުސް އެޑިޓަރުކަމުގެ މަގާމު އަދާކުރި މޫސަ ބުންޏެވެ.

މޫސަ ބުނީ އޭނާ މީހަކަށް ހަދައިދިނުމުގައި ޓީވީއެމްގެ އިސްވެރިންގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށާއި ހާއްސަކޮށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޚަލީލްގެ ނަން އޭނާ ފާހަގަކުރިއެވެ.

"މީޑިއާގެ ދާއިރާއަށް ވަދެ، ފަށައިގަތް ދުވަސްވަރު އެހީތެރިވެދިނީ ތޮއްޔިބު [އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު]، މަރިޔަމް ޝައުގީ އަދި މަރިޔަމް ޝިފްލާ. ދެން އޮތީ މަގޭ މަންމަ އާއި އަނބިމީހާ އަދި އާއިލާއާ. އެއީ ކާމިޔާބީގެ އަސްލަކީ،" މޫސަ ބުންޏެވެ.

ޕްރެޒެންޓަރެއްގެ ގޮތުގައި 2004 ވަނަ އަހަރު ދައުލަތުގެ މީޑިއާއާ ގުޅުނު އަދި ފަހުން ނޫސްވެރިއެއްގެ ގޮތުގައި ނިއުސްރޫމްގައި މަސައްކަތްކުރި މޫސަ ވަނީ މަޖިލިސްޓީވީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ. އަދި ޕީއެސްއެމްގެ ޑެޕިއުޓީ ނިއުސް ހެޑްގެ މަގާމު ވެސް އަދާކޮށްފައެވެ.

މޫސަގެ އެންމެ ކުޅަދާނަ ކަމަކީ ޓީވީ ޕްރޮގްރާމްތައް ހުށަހެޅުމުގައި އޭނާއަށް ލިބިގެންވާ ހުނަރެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ފްރެންޗައިޒް ރިއަލިޓީ ޝޯ، މޯލްޑިވިއަން އައިޑޮލްގެ ހޯސްޓެއްގެ ގޮތުގައި ޖެހިގެޖިގެން ދެ އަހަރު އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އަދި މިއަަހަރުގެ މޯލްޑިވިއަން އައިޑޮލްގެ ހުށަހަޅައިދޭނެ ފިރިހެން ހޯސްޓަކީ މޫސަ ކަމަށް އިއުލާނުކޮށް އޭނާ ވަނީ އޮޑިޝަންތައް ވެސް ޝޫޓްކޮށްފައެވެ.

ޕަބްލިސް ސާވިސް މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ތަޖުރިބާކާރު ގިނަ ބަޔަކު ފަހަކަށް އައިސް ދަނީ އެ މީޑިއާ ދޫކޮށްލަމުންނެވެ. ހުނަރުން ފުރިގެންވާ މުވައްޒަފުން ދައުލަތުގެ މީޑިއާ ދޫކޮށްދާ ދިއުމާ ގުޅޭ ގޮތުން އެތަނުގެ ސީނިއާ މުވައްޒަފަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އިތުރު ވަގުތު ލިމިޓްކޮށް މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ގެނައި ބަދަލާއި ބޭކާރު ހަރަދުގެ ގޮތުގައި ހަމައެކަނި ބަޔަކު ރުއްސުމަށް މީޑިއާ އިން ކުރަން ނުޖެހޭ ކަންތައްތަކަށް ޕީއެސްއެމުން ހަރަދު ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން އެ މީޑީއާގެ މުވައްޒަފުންގެ ތެރޭގައި އެބަ އޮތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
1 ޖެނުއަރީ 2018 | ހޯމަ 18:04
ޝާން
ތިއީ ޖައްސާ ސްޓަންޓް. ތިގޮތަށް ކުރިންވެސް އެކަކު ވަކިވެގެންދިޔަ. ހަފުތާއެއްނުވަނީސް ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމެއް ލިބުނުއަޑު އިވުނީ. ދެން މިޙާރު ފެންނަނީ ފާތުމަތު އިބުރާހީމްގެ ފައިބުޑުން ދާކޮންމެތަނަކަށް ގޮސް ޕީޕީއެމްއަށް މީހުންވެއްދޭތޯ އުޅޭތަން. ދެން އަޑުއިވޭނީ ތިޔަމޫސަވެސް ސިޔާސީ މަގާމެއް ގަބޫލުކުރިވާހަކަ.