ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 13:20
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
ބައި-އިލެކްޝަންސް
ބަޖެޓް ހަމަޖައްސައި ދިނުމުން ވެސް ބައި އިލެކްޝަން ނުބާއްވައި އޮއްވާ އަހަރު ނިމިއްޖެ
ސަޕްލިމެންޓްރީ ބަޖެޓުގައި ބައި އިލެކްޝަންތަކަށް 26 މިލިއަން ރުފިޔާ
ގާނޫނު އަސާސީ ބުނާގޮތުން 60 ދުވަހުގެ ތެރޭ މެންބަރަކު އިންތިހާބު ކުރަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް ބުނާ ދާއިރާތަކުގެ ބައި-އިލެކްޝަންތައް ބާއްވަން ސަޕްލިމެންޓަރީ ބަޖެޓުން ފައިސާ ހަމަޖައްސައި ދިނުމުން ވެސް، އިންތިހާބުތައް ނުބާއްވާ އޮއްވާ އަހަރު ނިމިއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ބުނަމުންނެވެ. އޭގެ ތެރެއިން ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް 12 މިލިއަން ރުފިޔާ ހޯދަން އިލެކްޝަންސް ކޮމިޝަނުން އޮކްޓޯބަރު މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި އެވެ. އެހެން ނަމަވެސް، ފައިސާ ނެތުމުން އެއިރު ފައިސާ ދޫނުކުރެއެވެ.

ނަމަވެސް، އޮކްޓޯބަރު 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގައި ބައި-އިލެކްޝަންތަކުގެ ޚަރަދުތަކަށް 26 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ވާނެއެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ޢާންމު އިންތިހާބާ ދެމެދު އޮތީ ހަ މަސްދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ކަމުގައި ވާނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

ގާނޫނު އަސާސީގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އިންތިހާބު ބާއްވާނެ ދުވަހެއް އިއުލާނު ކޮށްފައިނުވެއެވެ. މިކަމާ ގުޅޭގޮތުން މީޑިއާތަކުން ކުރާ ސުވާލުތަކަށް ޖަވާބުނުދޭއިރު، އާންމުން ފޮނުވާ ސިޓީތަކަށް ވެސް ޖަވާބު ނުދެ އެވެ.

ޖުމްލަ 12 ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބު ކާމިޔާބު ކުރާ މެންބަރުންގެ ތެރެެއިން ޕާޓީން ވަކިވާ، އަދި ވަކިކުރާ މެންބަރުންނާއި އަދި ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ހަވާލާދީ އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން އޯގަސްޓް މަހުގެ 27 ވަނަ ދުވަހު ނިންމި ނިންމުމުގައި ވަނީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ބަޔާންކޮށް ކުރި ޙުކުމަށް ފަހު، ހުށަހެޅިފައިވާ މައްސަލަތަކުގައި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އިތުރު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހަމަ އެ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާ  ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވަން އެ ކޮމިޝަނުން ނިންމާފައިވަނިކޮށް، ސުޕްރީމް ކޯޓަށް މިކަމާ ގުޅޭ ގޮތުން މައްސަލަަތަކެއް ހުށަހަޅާފައި ވާތީ އެ ނިންމުންތަކާ މެދު ވަކި ގޮތެއް ނިންމަންދެން އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބޭއްވުމުގެ މަސައްކަތް މަޑުޖައްސާލާފައި އޮތް ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ނިންމުމުގައި އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ބަދަލު ކުރަންޖެހޭނެ ކަމަށް  ބަޔާން ކޮށްފައިނުވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް