ކ. މާލެ
|
30 ޑިސެންބަރ 2017 | ހޮނިހިރު 19:15
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މެމްބަރުން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މެމްބަރުން
ރާއްޖެއެމްވީ
ޝަހިންދާ ކުރެއްވި ޓުވީޓް
ޝަހިންދާ ކުރެއްވި ޓްވީޓް ކުރީގެ ރައީސަކު ދިފާއު ކުރެއްވީތީ އެކަން ކުށްވެރިކުރަން: ޕީޕީއެމް
ކުރީގައި ރައީސްކަން ކުރައްވާފައިވާ ފަރާތަކުން ދީނީ އިލްމުވެރިންނަށް ވަނީ ފާޑު ކިޔާފައި
އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައި

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ މެންބަރު އަދި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ކުރައްވާފައިވާ ޓްވީޓްގެ ދިފާއުގައި ކުރީގެ ރައީސަކު ތެދުވެވަޑައިގަތުމުން އެކަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ޕާޓީ އިން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އިސްލާމްދީނާ ހިލާފުވާ ގޮތަށް ޝަހިންދާ ކުރައްވާފައިވާ ޓްވީޓަށް ހިތްވަރުދެއްވާ ޝަހިންދާގެ ދިފާއުގައި ކުރީގައި ރައީސްކަން ކުރައްވާފައިވާ ފަރާތެއް ތެދުވެ ކުރައްވަމުންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ކުރީގައި ރައީސްކަން ކުރައްވާފައިވާ ފަރާތަކުން ދީނީ އިލްމުވެރިންނަށް ފާޑުކިޔައި، އިސްލާމްދީނާއި އިދިކޮޅު ހިޔާލު ފާޅުކޮށްފައިވާ ފަރާތްތަކަށް ތާއީދުކޮށް ހިތްވަރު ދެއްވާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ރައީސްކަން ކުރައްވާފައިވާ ފަރާތުން އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރާ ކޮންމެ ފަރާތަކަށް ހިތްވަރު ދެއްވާފައިވާ ކަމަށާއި ތަފާތު އެކި ތަންތާނގައި ދީނާ ހިލާފު ވާހަކަތައް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އެކަންތައްތައް ވެސް ބަޔާނުގައި ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން ކުރީގައި ރައީސްކަން ކުރައްވާފައިވާ ފަރާތަކުން މިފަދަ ދިނާ ހިލާފު ވާހަކަތަކެއް ދައްކަވަމުންދާއިރު އެ ފަރާތާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ އެހެން ސިޔާސީ ލީޑަރުން އެކަމާއި ދެކޮޅަށް އެއްޗެއް ވިދާޅުނުވެ ތިއްބެވުމަކީ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން  ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އެހެން ސިޔާސީ ލީޑަރުން ހަނު ތިއްބެވުމަކީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ތާއިދުކުރާ ކަމެއްގެ ގޮތުގައި ޤަބޫލުކުރާ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާން ނިންމާލަމުން ޕީޕީއެމުން ވަނީ އިސްލާމްދީނާ ހިލާފު ވާހަކަތައް މުޖުތަމައުގައި ދައްކާ މީހުންގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

ޕީޕީއެމްގެ ބަޔާނުގައި ކުރީގެ ރައީސެއް ކަމަށް ބުނެފައިވީ ނަމަވެސް އެއީ ކޮން ރައީސެއް ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ. ނަމަވެސް ޝަހިންދާގެ ޓްވީޓާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް ބައެއް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ ޓްވީޓްގައި ރައީސް ނަޝީދު ވަނީ ބައެއް ދީނީ އިލްމުވެރިންނަށް ފާޑު ވިދާޅުވެފައެވެ. އަދި ދައުލަތުގެ ތެރޭގައި އިތުރު ދައުލެއް އުފެދިއްޖެ ކަމަށާއި އޭގެ ސަބަބުން މިހާރު އޮތް ވެރިކަން ނިމުމަކަށް އަތުވެދާނެ ކަމަށް ވިދާޅުވެފައި ވެއެވެ. 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް