އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އާއި ޑިފެންސް މިނިސްޓަރު، އާދަމް ޝަރީފް އުމަރު ބައްދަލުކުރެއްވި ކުރެއްވުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އިންޑިއާއަށް ހަގީގަތް އޮޅުވާލުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ބައެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެ އެވެ.
ނަސީމް ކުރެއްވި ޓްވީޓެއްގައި އެގޮތަށް ވިދާޅުވެފައިވާއިރު، އިތުރަށް ވިދާޅުވެފައިވަނީ އެއީ "ފޭކް" ބައްދަލުވުމެއް ކަމަށެވެ.
India ah hageegai olhuvaalumuge program ge baeh. Fake badhdhal vumeh. https://t.co/hgLJzwpVqM
— Ahmed Naseem (@KerafaNaseem) December 30, 2017
މިޝްރާގެ ޓްވިޓާ އެކައުންޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ދެ ބޭފުޅުން ބައްދަލުކުރައްވާ ފޮޓޯ އާންމުކުރައްވާފައެވެ. އެ ދެ ބޭފުޅުން މަޝްވަރާކުރެއްވީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
Delighted to call on Hon’ble Minister of Defence and National Security of Maldives, H.E Adam Shareef Umar. Varah Bodah Shukriya Manikufaanu @Adamshareefz . pic.twitter.com/WK48fW1iDk
— Akhilesh Mishra (@AkhileshIFS) December 28, 2017
ޑިފެންސް މިނިސްޓަރާއި ސަފީރު ބައްދަލު ކުރައްވާފައި މި ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިޝްރާ ދާދި ފަހުން ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ކައުންސިލަރުންނާ ބައްދަލު ކުރެއްވުމުން އެ ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޑް ކޮށްފައިވެއެވެ. މުސާރަ ނުހިނގާ ގޮތަށް، އަދި އޮފީހަށް ވެސް ހާޒިރުނުވެވޭ ގޮތަށް އެ ތިން ކައުންސިލަރުން ސަސްޕެންޑްކުރީ ބޭރުގެ ސަފީރުންނާ ބައްދަލުކުރުމުގެ ކުރިން ހުއްދަ ހޯދުމަށް އަންގައި ކައުންސިލްތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސާކިއުލާއެއް ނެރެފައި ވަނިކޮށް ބައްދަލުކުރުމުންނެވެ.
އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެފައި ވަނީ ރާއްޖެ އިން ޗައިނާއާ ގުޅުން ބަދަހިކުރަމުން ގެންދާތީއެވެ. އެގޮތުން ދާދި ފަހުން ޗައިނާ އަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެންނާއި އިންޑިއާގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގައި ސެންޓަރެއް ގާއިމު ކުރުމަށް ޗައިނާ އާއި ރާއްޖެ އިން ސޮއި ކުރުމުން ވެސް އިންޑިއާ ވަނީ ވަރަށް ބޮޑަށް ނުރުހިފައެވެ.