ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 21:49
އެމްޑީޕީ ޖަލްސާއެއްގައި އިންތި ވާހަކަ ދައްކަވަނީ
އެމްޑީޕީ ޖަލްސާއެއްގައި އިންތި ވާހަކަ ދައްކަވަނީ
ފާތިމަތު ޝަނާ މުހައްމަދު
އިމްތިޔާޒް ފަހުމީ
ރައީސް ނަޝީދުގެ ވާހަކަ އަބަދު ދައްކަނީ ޕްރެޝަރ އޮތީމަ: އިންތި
ސަރުކާރަށް ޖެހޭނީ ދޫދޭން
ބޭރުގެ ޖަމާޢަތްތަކުން ޤައުމުތަކުން ގެންދަނީ ސަރުކާރަށް ޕްރެޝަރ ކުރަމުން

2018ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަނުކުރެވޭނެކަމަށް އެބޭފުޅުން ވިދާޅުވިނަމަވެސް، އެބޭފުޅުން އަބަދު ޕޯޑިއަމްތަކުގައި ރައީސް ނަޝީދުގެ ވާހަކަ ދައްކަވަނީ ބޭރުގެ ޕްރެޝަރ އޮތީމައިކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ރައީސް ނަޝީދަށް ފުރުސަތެއް ނެތްކަމަށާއި، މާލެ ވަޑައިގެންފިނަމަ ރައީސް ނަޝީދު ވަޑައިގަންނަވަން ޖެހޭނީ ޖަލަށްކަމަށް ޕީޕިއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވުމާއި ގުޅިގެން ރާއްޖެ.އެމްވީ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ފުދޭ ވަރަކަށް ޕްރެޝަރ އޮތީމާ ނޫންތޯ އެމީހުންގެ ނަޒަރުން އިންތިޚާބަށް ކުރިމަތިނުލެވޭ ގޮތަށް ޙުކުމް އިއްވާފައިވާ މީހެއްގެ ވާހަކަ އެމީހުން ބާއްވާ ކޮންމެ ޖަލްސާއެއްގައި މައިގަނޑު ވާހަކައެއްގެ ގޮތުގައި ދައްކަމުން އެދަނީ،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދު ޖަލުގައި ހުންނަވަނިކޮށް، އެމަނިކުފާނު މިނިވަން ނުކުރާނެކަމަށް ސަރުކާރުން ބުނުމަށްފަހު، ރާއްޖެއިން ބޭރަށް ފޮނުވަން ޖެހުނީވެސް ބޭރުގެ ޕްރެޝަރާއި ހެދިކަމަށެވެ.

"ހަމަ ގައިމުވެސް އެންމެ ފަހު ވަގުތާއި ހަމަޔަށްވެސް ޔާމީން ވިދާޅުވި ރާއްޖެއިން ބޭރަށް ނުފޮނުވާނެއޭ. ޕާސްޕޯޓްވެސް ނުދޭނަމޭ. އެކަމަކު ހަމަ ހިނދުކޮޅެއް ނެގީ، އިނގިރޭސި ޚާރިޖިއްޔާގެ ބޭފުޅުންނާއި އިންޑިއާގެ ޚާރިޖިއްޔާގެ ބޭފުޅުން މާލެ ވަޑައިގަތުމާއިއެކު ރައީސް ނަޝީދު ފުރާވަޑައިގަތްތަން ފެނުނީ"، ރައީސް ނަޝީދު ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމަށް ބޭރުގެ ފަރާތްތަކުން ސަރުކާރަށް ކުރި ޕްރެޝަރަށް އިޝާރާތްކުރައްވައި އިންތި ވިދާޅުވިއެވެ.

ސަރުކާރާއި ޕީޕީއެމްގެ ބޭފުޅުން ގެންދަވަނީ އެކިއެކި ޕޯޑިއަމްތަކުގައި ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް އެމްޑީޕީއިން ބުނަމުންދަނީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުންވެސް ދަނީ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ހުޅުވާލެވިފައިވާ އިންތިޚާބެއް 2018ގައި ބޭއްވުމަށް ރައީސް ޔާމީންއަށާއި ދިވެހި ސަރުކާރަށް ގޮވާލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް