ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 16:38
ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް
ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް
އިސްމާއިލް ނާއިލް ނަޝީދު
ކުރީގެ މިނިސްޓަރު އަސްލަމް
ޒަމާނީ ޑިމޮކްރެސީއެއް ހިންގަން ރައީސް ޔާމީންއަށް އެނގިވަޑައި ނުގަންނަވާ: އަސްލަމް
އަދުލްއިންސާފު ގާއިމު ކުރުމަކީ ޝައުގުވެރިވާނަމަ ކުރަން އޮތްކަމެއް ނޫން، ކުރަން ޖެހޭ ކަމެއް
ޑިމޮކްރަސީގެ ނިޒާމަށް ރާއްޖެ ހިންގަން އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ
ދައްކަވާ ވާހަކަފުޅު ދިމަލެއް ނުވޭ

ޒަމާނީ ޑިމޮކްރެސީ ނިޒާމުގެ ދަށުން ދައުލަތް ހިންގަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އެނގިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ގެނެގެސްދިން ރާއްޖެޓީވީގެ "ބޮޑު ސުވާލު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އަސްލަމް ވިދާޅުވީ ޒަމާނީ ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތަކަކީ ކޮބައިކަން ވެސް ރައީސް ޔާމީންއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މީގެއިތުރުން ރައީސް ޔާމީން ދައްކަވާ ވާހަކައާއި ހިނގަމުންދާ ކަންކަން އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ރައީސް ޔާމީންއަކަށް އެނގިވަޑައި ނުގަންނަވާ ޒަމާނީ ޑިމޮކްރެސީއެއްގައި ދައުލަތެއް ހިންގަންވާނެ ގޮތް ވެސް. ރައީސް ޔާމީންއަށް އެނގިވަޑައިނުގަންނަވާ ޒަމާނީ ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބެންވާ އަސާސީ ހައްގުތަކަކީ ކޮބައިކަން ވެސް. ރައީސް ޔާމީންއަށް އެނގިވަޑައިނުގަންނަވާ ޖުމްހޫރީ ނިޒާމެއްގައި، ރައީސުލްޖުމްހޫރިއްޔާއަކީ ހަމައެކަނި ސަރުކާރުގެ އިސް ފަރާތް ނޫންކަން، އެއީ ދައުލަތުގެ ވެސް އެންމެ އިސްފަރާތްކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ދައުލަތުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށް ވިދާޅުވެ އަސްލަމް ވިދާޅުވީ ޝަރުއީ ކޯޓުތަކުގައި ޝަރީއަތް ނުކުރެއްވިޔަސް ރައްޔިތުންގެ މެދުގައި އަދުލްވެރިވާން ޖެހޭ ކަމަށެވެ.

"ރައީސް ޔާމީން ވިދާޅުވެފައި އެބަހުރި، ބައެއް މީސްމީހުން ބަންދުގައި ތިބީމައި ތިމަންމަނިކުފާނަށް އަޑެއް ނުއިވޭނޭ. ބައެއް ތަންތަނަށް އެއް ނުވެވޭވާހަކަ ދައްކާނަމަ އެވާހަކަ އަޑެއް ނުއިވޭނޭ. އެއްވުންތައް ބޭއްވުމާއި ސިޔާސީ ހަރަކާތް ހިންގުމަށް ގާނޫނުއަސާސީ ފުރުސަތުދީފައި ވަނީ ވަރަށް މުހިއްމު ސަބަބުތަކަށްޓަކާ، އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިހުތިޔާރެއް ނޫން. ދެން ވިދާޅުވި ތިމަންމަނިކުފާނަކީ އިންސާފު ގާއިމު ކުރުމުގައި ޝަރީއަތް ކުރާ މީހެއް ނޫނޭ، ޝަރީއަތް ކުރާކަށް ނުވެސް ދަންނަމޭ، ތިމަންމަނިކުފާނު އެކަމަކާ ނުވެސް އުޅެމޭ އަދި ތިމަންމަނިކުފާނު އެކަމަށް ޝައުގުވެރިކަމެއް ވެސް ނެތޭ. ނޫން ނޫން، ރައީސުލްޖުމްހޫރިއްޔާ ޝައުގުވެރިވެވަޑައިގަންނަވަންޖެހޭ ކަމެއް އެއީ. ދިވެހިރާއްޖޭގައި އަދުލްއިންސާފު ގާއިމު ކުރެވޭ މަސައްކަތް ކުރަންޖެހޭ، ޝަރީއަތް ކުރައްވާކަށް ނުޖެހޭނެ. އެހެން ނަމަވެސް އަދުލްއިންސާފު ގާއިމު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް ލާޒިމް ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ރައީސް ޔާމީން ބަންދު ކުރުމުން ބަދަލުގެ ގޮތުގައި ދައުލަތުން ޖެހޭ ފައިސާ ދިނުމަށް ކޯޓުން ހުކުމް ކޮށްފައިވާއިރު މިހާތަނަށް އެފައިސާ ލިބިފައިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އަސްލަމް ވިދާޅުވީ ކޯޓުން އެއޮތީ ހުކުމެއް ކޮށްފަ ކަމަށާޢި އެހުކުމް ތަންފީޒު ކުރުމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ރައީސް ޔާމީން ދާދިފަހުން ވިދާޅުވި ތިމަންމަނިކުފާނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ކޯޓުން ހުކުމެއް ކޮށްފައިވާ ކަމަށް، އެފައިސާ އަދި ވެސް ނުލިބޭކަމަށް ވިދާޅުވި. ކޯޓުން އެއޮތީ ހުކުމެއް ކޮށްފަ. ތަންފީޒު ކުރާ ފަރާތަކީ ސަރުކާރު. ސަރުކާރުގެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާ. ދެން އެ ނުދިނީ ކާކުތޯއޭ. އަޅުގަނޑު ނުދެކެން މިނޫނިއްޔަކާ އަމިއްލައަށް ވާހަކަ ދައްކަވާއިރު ތިން ވަނަ ފަރާތަކަށް ނިސްބަތްވާގޮތަށް ވާހަކަ ދައްކަވާ ބޭފުޅެއް،" އަސްލަމް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް