ވައްކަމާއި ކޮރަޕްޝަން ހިންގުމަށް ހިތްވަރުދޭ މި ސަރުކާރުގެ މައިޕާޓީ ޕީޕީއެމްގައި ހަމަ އެކަކުވެސް ހުންނަޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ވެސް ފުރުއްވި އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނަށް ހިތްވަރުދޭ އަދި ކޯޓު މެދުވެރުކޮށް ޕާޓީ ޖަހައިގަތް މުޝީރެއް ހިންގާ ޕާޓީއެއްގައި ހަމައެކަކު ވެސް ހުންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ވައްކަމާއި ކޮރަޕްޝަނަށް ހިތްވަރުދޭ، އަދުލްވެރިކަމެއް ނެތް، ސިޔާސީ ވާދަވެރިން ޖަލަށްލައި، ވަކި ޕާޓީއެއްގެ މީހުންނަށް ވަޒީފާދޭ، ފްލެޓް ދިނުމުގައި ހަމަހަމަކަން ނުގެންގުޅޭ، ވައުދު ނުފުއްދާ، ކޯޓު މެދުވެރިކޮށް ޕާޓީ ޖަހައިގަތް މުޝީރެއް ހިންގާ ޕާޓީއެއްގައި ހަމައެކަކުވެސް ހުންނަން ޖެހޭ ސަބަބެއް ނެތް،" ރިޔާޒު ކުރެއްވި ޓްވީޓުގައި ވެއެވެ.
Vahkamaai corruptionah hiyvarudhey, adhuluverikamehneiy, siyāsē vādhaverin jalahlā, vakipartyehge mēhunnah vazēfādhey, flatdhinumuga hamahamakan nugengulhey, vaudhu nufuhdhā, court medhuverikoh party jahaigaiy musheereh hingā party ehgai hamaekakuves hunnan jehey sababeh neiy! https://t.co/61EvG2jH3e
— Abdulla Riyaz MP (@riyazabdulla) December 27, 2017
ރިޔާޒު އެގޮތަށް ޓްވީޓް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ބަސްފުޅަކާ ގުޅިގެންނެވެ.
ބ. ތުޅާދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕާޓީ ބަދަލު ކުރުމަށް އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ އެއީ މައްސަލައެއް ނޫން ކަމަށާއި، ޕާޓީ ބަދަލުކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމަށެވެ.
އެޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށް ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ދައުލަތް ހިންގުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ ހައްގުތަކަކީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ޕާޓީއެއްގެ ލީޑަރަކަށް ނަގާލެވޭނެ ހައްގެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިސްލާމީ އުސޫލްތަކާއި، ގައުމުގެ ހައްގުތައް ނިގުޅައިގަނެ، ދައުލަތް ހިންގުމަށް ހުރަސްއަޅާ ޕާޓީތަކުން ވަކިވުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ ޕާޓީތަކުން ވަކިވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ވެސް ލާޒިމް ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.