މާރުކޭޓު ގޮޅިތައް ހުސްކުރަން ހައުސިންގ މިނިސްޓްރީ އިން ދީފައިވާ ސުންގަޑި މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ.
ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ ގޮޅިތައް ހުސްކުރުމަށް އަންގާފައިވަނީ ޑިސެމްބަރު 11 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ހައުސިންގ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ގޮޅިތަކާއި ގާޑިޔާތައް ހިންގުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދޫކުރުމުގެ އުސޫލު އެކުލަވާލުމަށް ފަހު، މިއަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު އިއުލާނު ކުރި ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރެ އެވެ. ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދޫކުރުމުގެ ފުރުސަތު ޖޫން 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ އިރު ޖުމްލަ 4000 ވުރެ ގިނަ ފޯމް ގޮޅިތަކަށް އެދި ހުށަހަޅާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރެ އެވެ.
ފޯމްތަކަށް މާކްސް ދެވޭނެ އުސޫލުގެ ދަށުން ގޮޅިތައް ދޫކުރުމަށް އިއުލާނު ކޮށްފައިވާ އިރު ޝޯޓްލިސްޓު ކުރުމަށްޓަކައި ފޯމްތައް ހުށަހަޅާފައިވާ ފަރާތްތަކުން ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭތޯ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ބަލާ ޗެކް ކުރުމަށް ފަހު ދައުލަތައް އެއްވެސް ފައިސާއެއް ދައްކަންޖެހޭނަމަ، އެފަރާތެއް ޝޯޓްލިސްޓް ނުވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.
ޝޯޓްލިސްޓް ކުރުމަށް ފަހު އޮންނަ އުސޫލުގެ ތެރެއިން ފޯމްތަކަށް މާކްސް ދެވުނު ކަމަށާއި މި ޕްރޮސެސް ކުރިއަށް ގެންދިއުމަށް ފަހު ގޮޅިތަކާއި ގާޑިޔާތައް ހިންގާ ފަރާތްތަކުގެ ތެރެއިން އެތަނަށް ދައްކަން ޖެހޭ ކުލި އަދި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ގޮޅިތަކާއި ގާޑިޔާ ކުއްޔަށް ދޫކުރުމާއި ބެހޭ އުސޫލާއި ހިލާފަށް އަމަލު ކުރަމުންދާ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކުގެ ގޮޅިތައް ހުސްކުރުމަށް ޑިސެމްބަރުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގ މިނިސްޓްރީން ވަނީ މުއްދަތުދީފަ އެވެ.
މިކަމާ ގުޅިގެން ގޮޅިތަކުގެ ވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ، މިއީ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މިއީ އެ ފަރާތްތަކުން ވިހި ތިރީސް އަހަރު ވަންދެން ކުރި މަސައްކަތް ކަމަށެވެ. ބައެއް ފަރާތްތަކުން ބުނީ މާރުކޭޓު ގޮޅިއަށް ބަރާބަރަށް ފައިސާ ދައްކާ ކަމަށާއި، ހައުސިންގ މިނިސްޓްރީން ގޮޅިތައް ފަހުން ދީފައިވަނީ ސަރުކާރުގެ އިސްވެރިންނާ ގުޅުން އޮންނަ ފަރާތްތަކަށް ކަމަށެވެ.