ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި، ދެ ޒުވާނުންގެ މަރުގެ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.
ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި މަރުވެފައި ވަނީ ތ. ތިމަރަފުށީ އުމުރުން 21 އަހަރުގެ އަހުމަދު ހާމީން އާއި މާލޭ ދަފްތަރު އުމުރުން 18 އަހަރުގެ ފާތުމަތު ސަމާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އުފަން ދުވަހުގެ ޕާޓީއެއް ބާއްވަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ކުއްލި ދެ މަރާ ގުޅިގެން ދައުވާ ކޮށްފައި ވަނީ، އެ ދެ ޒުވާނުންނާ އެކު އެތަނުގައި ތިބި މީހުންގެ މައްޗަށެވެ. އެގޮތުން ދައުވާ ކޮށްފައި ވަނީ، ހަސަން ޒިދާނާއި އާދަމް ޝާހީނާއި އަހުމަދު އަމާން އާއި މަރިޔަމް މައިޝާ އަދި މަރިޔަމް އަފާގެ މައްޗަށެވެ.
މީގެ ތެރެއިން، ހަތަރު މީހަކު މި މައްސަލައާ ގުޅިގެން ހައްޔަރު ވެސް ކުރިއެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި، އެ މީހުންގެ މައްޗަށް ކޮށްފައި ވަނީ، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާއެެވެ. މި ދައުވާކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ 618 ވަނަ މާއްދާގެ ދަށުންނެވެ. ކުށް ސާބިތުވެއްޖެ ނަމަ އެ މީހުންގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދައުވާކުރި މީހުންގެ ތެރެއިން ހަސަން ޒިދާނުގެ މައްޗަށް ދައުލަތުން އިތުރު ދައުވާއެއް ވެސް ކުރިއެވެ. އެގޮތުން، މަރާ ގުޅިގެން ދޮގު މައުލޫމާތު ފޯރުކޮށްދިން ކަމަށް ބުނެ، އޭނާގެ މައްޗަށް ވަނީ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
ހާމީން އާއި ސަމާގެ މަރުގެ ވާހަކަ ފުރަތަމަ ފަތުރާފައި ވަނީ އޮޅުވާލައިގެންނެވެ. އެގޮތުން، އެންމެ ފުރަތަމަ އަޑުފެތުރުނު ގޮތުގައި ހާމީން މަރުވީ ފުޓުބޯޅަ ކުޅެން ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. އަދި ސަމާ މަރުވެފައި އޮއްވާ ފެނުނީ ހުޅުމާލޭ ފަތާ ޓްރެކް ސަރަހައްދުން ކަމަށް އަޑުފެތުރުނެވެ. އެހެން ނަމަވެސް، ފަހުން ހާމަވި ގޮތުގައި ދެ ޒުވާނުންގެ މަރުގައި އެއްގޮތް ކަންތައްތަކެއް ހުއްޓެވެ. އެހެންކަމުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށިއެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ދެ ޒުވާނުން ހުޅުމާލޭގައި ތިބި ސަރަހައްދުން "ޕާޓީ ޑްރަގްސް"ގެ ނަމުން މަޝްހޫރުވެފައިވާ މަސްތުވާތަކެތި ފެނިފައިވެއެވެ.