އިންޑިއާގެ ރައްޔިތުންނަށް ޑިޕެންޑެންޓް ވިސާއާއި ސްޓޫޑެންޓް ވިސާ ދޫކުރުން ހުއްޓާލާފައި އޮންނަތާ ތިން މަސްވެފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، ސެޕްޓެމްބަރުގެ މަހުގެ ފަހުކޮޅުން ފެށިގެން އިންޑިއާގެ ރައްޔިތުންނަށް ޑިޕެންޑެންޓް ވިސާއާއި ސްޓޫޑެންޓް ވިސާ ދޫކުރުން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހުއްޓާލާފަ އެވެ. ވިސާ ދޫކުރުން ހުއްޓާލާފައިވަނީ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ވިސާ ދޫކުރުމުގެ ބަދަލުގައި އިންޑިއާގެ ރައްޔިތުންނަށް މިހާރު ދޫކުރުމުންދަނީ ތިން މަހުން ތިން މަހުން އާކުރަންޖެހޭ ލިޔުމެކެވެ.
މިކަމާ ގުޅޭ ގޮތުން އިމިގްރޭޝަނުގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ވާނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް، އިމިގްރޭޝަނުގެ މީޑިއާ އޮފިޝަލާއި އިމިގްރޭޝަން ކޮންޓްރޯލަރަށް ގުޅައިގެން މިކަމާ ގުޅޭގޮތުން ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
އިމިގްރޭޝަނުގެ ރިސެޕްޝަނުން މައުލޫމާތުދިން ގޮތުގައި، އެ އިދާރާގެ މީޑިއާ އޮފިޝަލް މިވަގުތު ހުންނެވީ ރަށުން ބޭރުގަ އެވެ. އެހެންކަމުން، މީޑިއާއަށް މައުލޫމާތު ދެއްވާނެ އިތުރު ބޭފުޅަކު އެތަނުގައި ނެތް ކަމަށް މައުލޫމާތުދިނެވެ.
ރާއްޖެއާއި އިންޑިއާއިން 1979 ވަނަ އަހަރު ވިސާއާއި ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުގައި، އެއްގައުުމުން އަނެއް ގައުމުގެ ރައްޔިތުންނަށް ވިސާ ދޫކުރާނީ ފީއެއް ނެގުމެއް ނެތި ހިލޭ އެވެ.
އެއްބަސްވުމާއި އެއްގޮތަށް، އަގެއް ނެގުމެއް ނެތި އިންޑިއާއިން މިހާރުވެސް ދަނީ ދިވެހިންނަށް ވިސާ ދޫކުރަމުންނެވެ. އެހެން ނަމަވެސް، 2015 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ދިވެހި ސަރުކާރުން ދަނީ އިންޑިއާ ރައްޔިތުންގެ އަތުން ވިސާ ފީ ނަގަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖެއާއި އިންޑިއާ ދެމެދު މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވި މަޝްވަރާތަކުގައިވެސް، ވިސާ ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.