ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެފައިވާ ކުންފުނިން އެއްބަސްވުން ރޫޅާލުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމަށް ހަވާލުކޮށްފައި ވަނީ އިންޑިޔާގެ ނިމްސް ހޮސްޕިޓަލް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށްވާ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ 80 ޕަސެންޓް ހިއްސާއެއް އޮންނަ ކުންފުންޏަކުންނެވެ.
ނަޝީދު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައިވާ "ހުޅުވާލެވިފައިވާ ސިޓީގައި" ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގައި "ހިނގަހިނގާ ހުރި ހޮސްޕިޓަލެއް ބޭރުގެ ބަޔަކަށް ހަވާލުކުރުމުން، އެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމަށް "ކަމެއް ނުކުރެވުނުތާނގައި، އެތަން ހިންގަމުން ދިޔަ ފެންވަރުގައި ވެސް ހިންގާ ނުލެވޭ" ކަމަށެވެ. އަދި ސަރުކާރުން އަލުން އެތަނާ ވަގުތީ ގޮތުން ހަވާލުވެ ހިދުމަތްދޭން ފެށީ އެހެންވެ ކަމަށް ނަޝީދު ފާހަގަ ކުރައްވާފައިވެއެވެ.
"ޙާލަތު ދަށްވެ، ޚިދުމަތްތައް ހުއްޓެން ފެށުމުން، ޢާންމު މަސްލަޙަތު ޙިމާޔަތްކުރެއްވުމަށް ދިވެހި ސަރުކާރަށް އޮތް ޒިންމާގެ ދަށުން، ހެލްތު މިނިސްޓްރީން އެ ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ދޭން ފެއްޓެވިތަނެވެ. ތަކެއްޗާއި މީހުން ފޮނުއްވައިދެއްވަން ފެއްޓެވިތަނެވެ. އަސާސީ ޞިއްޙީ ޚިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވަން ފެއްޓެވިތަނެވެ. އެއްބަސްވުމެއްގެ ދަށުން ތިޔަ ކުންފުންޏާ ތަން ހިންގަން ޙަވާލުކޮށްފައި ވީނަމަވެހެވެ." ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަށް އެޑްރެސް ކުރައްވާ ލިޔުއްވާފައިވާ ސިޓީގައިވެއެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުން އެ ކުންފުނިން ހޮސްޕިޓަލް ހިންގުމާ ހަވާލުވި ފަހުން ހޮސްޕިޓަލްގައި ކުންފުނީގެ ފަރާތުން ތިއްބެވި ބިދޭސީ ވެރިންނާއި ދިވެހި ވެރިން ހޮސްޕިޓަލާއި ރަށް ދޫކުރައްވައި، މިހާރު ވަޑައިގެންފައިވާ ކަމަށެވެ.
އެ ކުންފުނިން ހޮސްޕިޓަލާ ހަވާލުވި ފަހުން ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މެންބަރަކަށްވެ ހުންނަވައިގެން ސަރުކާރުން މިވަރުގެ އިސްކަމެއް ދީގެން ކުރަން ފަށަފައިވާ ކަމަކަށް އެއްޗެއް އާންމުކޮށް ދެންނެވުމަކީ، ފަސޭހަކަމެއް ނޫން ކަމަށް ވެސް ނަޝީދު ލިޔުއްވާފައިވެއެވެ. އެހެން ނަމަވެސް ހޮސްޕިޓަލް ބިކަވެ ހަލާކުވަމުންދާއިރު، ހޮސްޕިޓަލް ހިންގުމާ ޙަވާލުވެގެން އޮތް ކުންފުންޏާ ބައެއް ވާހަކަ ދަންނަވާނުލައި ހުރުމަކީ ވެސް ކުރަން ފަސޭހަކަމެއް ނޫން ކަމަށް ފާހަގަ ކުރައްވާފައިވެއެވެ.
ހޮސްޕިޓަލް ހިންގަން ހަވާލުކުރި ފަހުން އެއްބަސްވުމާ އެއްގޮތަށް ވަކި މުއްދަތެއްގެ ތެރޭގައި ކުރަން ބުނި ކަންތައްތައް ކޮށްފައިނުވާ ކަމަށް ވިދާޅުވެ އޭގެ ތެރެއިން ބައެއް ކަންކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެ ތެރޭގައި އެ ހޮސްޕިޓަލުގައި ތިބި ސިވިލް ސާވީސްގެ މުވައްޒަފުން އެ ކުންފުނީގެ މުވައްޒަފުންނަށް ބަދަލުކުރުމުގެ ކަންކަން ހިނގަމުން ނުދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
"11 ޖަނަވަރީ 2018 އިންފެށިގެން، މުވައްޒަފުން ތިބޭނީ، ތިޔަ ކުންފުނީގެ ވަޒީފާގައި ކަމެއް، ސިވިލް ސަރވިސްގައި ކަމެއް އެނގޭނެ ގޮތެއް ނެތެވެ. އެއްބަސްވުމުގައި ބުނާ ގޮތުން، ސަރުކާރުން މުސާރަ ދިނުމުގެ ޒިންމާ 10 ޖަނަވަރީ 2018 އަށް ނިމުމަކަށް އަންނާނެއެވެ. ދެން އެ ހޮސްޕީޓަލުގެ އެންމެހާ މުވައްޒަފުންނަށް ވާނީ، ކިހިނެއްތޯއެވެ. މިއީ، މިއަދު އެ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންގެ ވެސް ސުވާލެކެވެ. މިހާރު މިކަންވާނީ، ހެލްތު މިނިސްޓަރގެ ސަމާލު ކަމަށް ގެނެސްފައެވެ."
ހަމައެހެންމެ ޓާރޝަރީ ހޮސްޕިޓަލެއްގެ ޚިދްމަތުގެ ފެންވަރު ކަމަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައިވާ ފެންވަރުގައި، ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތެއް ވެސް ދިނުން ކުންފުނީގެ މައްޗަށް ލާޒިމުކުރާއިރު އެކަން ވެސް ނުކުރާ ކަމަށް ނަޝީދު ފާހަގަ ކުރައްވާފައިވެއެވެ. އަދި 24 ގަޑިއިރު، ޑޮކްޓަރުންނާއި ނަރުހުންނާއި އިމަޖެންސީ ޚިދުމަތްދިނުން އެއްބަސްވުމުގެ ދަށުން ތިޔަ ކުންފުނީގެ މައްޗަށް ލާޒިމުކޮށްފައިވާއިރު، އެކަން ވެސް އެ ކުންފުންޏަށް ކުރެއްވުނީ، ދިމާ އިދިކޮޅަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
"ކުރިއްސުރެ 24 ގަޑިއިރު އަށް މެޑިކަލް އޮފިސަރުންގެ ޚިދުމަތް ލިބޭއިރު، ހަވީރާއި ރޭގަނޑު ހުސްކޮށް އޮތް މުއްދަތެއް މިފަހުން ހިންގައްޖެއެވެ. އަށް މެޑިކަލް އޮފިސަރުން މަދުވަމުން ގޮސް ދެ މީހުންނަށް މަދުވެގެން ދިޔުމުގެ ސަބަބުންނެވެ. ވިއްސާ ދެވަނަ ޑޮކްޓަރަކާއި ކުޑަކުދިންގެ ދެވަނަ ޑޮކްޓަރެއް ވެސް އެ ފޮނުއްވީ ސަރުކާރުންނެވެ. ގާތްގަނޑަކަށް އޮކްސިޖަން ވެސް ހުސްވެ، ލެބްގެ ގިނަ ޓެސްޓުތައް ހުއްޓިފައި ހުރުމަށް ފަހު، އެކަން ވެސް އަލުން އެ ފެއްޓެވީ، ސަރުކާރުންނެވެ" ނަޝީދު ލިޔުއްވާފައިވެއެވެ.