ދިވެހިން ބޭނުންވާ ދިވެހި ގައުމު ދިވެހިންނަށް ލިބުމުގައި މާ ގިނަ ދުވަހެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕެނަލް ޑިސްކަޝަންއަށް ފޮނުއްވި ހާއްސަ މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ ދިވެހިން ބޭނުންވާ ދިވެހި ގައުމު ލިބުމުގައި މާ ގިނަ ދުވަހެއް ދެން ނުވާނެ ކަމަށާއި އެމަނިކުފާނުގެ ރޫހު އަބަދު ވެސް ވަނީ ދިވެހި ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ދިވެހިންނާ ވަރަށް އަވަހަށް ބައްދަލުވުމުގެ އުއްމީދުގައި ކަމަށް ވެސް މި މެސެޖުގައިވެއެވެ.
"އިރާދުކުރެއްވިއްޔާ ދިވެހިން ބޭނުންވާ ދިވެހި ގައުމު ދިވެހި ރައްޔިތުންނަށް ލިބުމުގައި މާ ގިނަ ދުވަހެއް ނެތް. އަޅުގަނޑުގެ ރޫހު އަބަދު ވެސް ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނާއި އަޅުގަނޑު އެންމެ ލޯބިވާ ދިވެހިރާއްޖޭގައި. އަޅުގަނޑު މިހުރީ ތިބޭފުޅުންނާއި ވަރަށް އަވަހަށް ބައްދަލުވުމުގެ ފޮނި އުއްމީދުގައި."
މި މެސެޖުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަހުގައި އެމަނިކުފާނު ހާއްސަކޮށް ފާހަގަކުރަން ބޭނުންވާ ދެކަމެއް އެބައޮތް ކަމަށާއި އެގޮތުން އެއީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަމައެކަނި ބޭރުގެ ދެތިން ގައުމެއްގެ ޝައުގާއި މަސްލަހަތުގެ މައްޗަށް ބިނާކުރެވޭ ސިޔާސަތަކަށް ވެއްޖެނަމަ ގިނަ ބައެއްގެ މަދަދާއި އެހީތެރިކަން ބޭނުންވާ ދުވަހަކުން އަޅުގަނޑުމެންގެ އަޑުއަހަން ބަޔަކު ނުތިބޭނެ ކަމަށެވެ.
"ފުރަތަމަ ނުކުތާއަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ހަމައެކަނި ބޭރުގެ ދެތިން ގައުމެއްގެ ޝައުގާއި އެމީހުންގެ މަސްލަހަތުގެ ހިމާޔަތުގައި ބައްޓަންކުރެވޭ ސިޔާސަތަކަށް ވެއްޖެނަމަ ގިނަ ބައެއްގެ މަދަދާއި އެހީތެރިކަން ބޭނުންވާ މިފަދަ ޙުތޫރަތްތެރި ދަނޑިވަޅުތަކުގައި އަޅުގަނޑުމެންގެ އާދޭހުގެ އަޑު އަހާނެ ބަޔަކު ނުތިބޭނެކަން. އެދުވަހަކަން ބައިނަލްއަގްވާމީ މައިދާނުގައި އަޅުގަނޑުމެން ބާކީ ވާނެ. އަޅުގަނޑުމެންގެ ނާޖާއިޒު ފައިދާ ނަގައިގެން އެބައެއްގެ މަސްލަހަތު ހިމާޔަތްކުރި މީހުން ތިބޭނީ މިއަށް ވުރެ މާ ހިތްފަސޭހަ ބަނދަރެއްގައި އޮޑި އަޅައިގެން. އަޅުގަނޑުމެންގެ އާދޭހުގެ އަޑެއް އެމީހުންނަކަށް ނީވޭނެ."
ހަމައެހެންމެ ބޭނުންވެގެން ހޯދަން ގަދަ އަޅާ މަސައްކަތް ނުކުރާ އެއްޗެއް މެނުވީ އަޅުގަނޑުމެންނަށް ނުލިބޭނެ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.
"ދެވަނަ ނުކުތާއަކީ އަޅުގަނޑުމެން ބޭނުންވެގެން ހޯދަން ގަދައަޅައި މަސައްކަތް ކުރި އެއްޗެއް މެނުވީ އަޅުގަނޑުމެންނަށް ނުލިބޭނެކަން. އަޅުގަނޑުމެން ބޭނުންވާ އެއްޗެއް ހޯދުމަށް އަޅުގަނޑުމެން ވަރުބަލިވުމެއް ނެތި ހިތްވަރާއި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ. އުނދަގޫތަކާއި ބިރާއި ސިހުމާއި ފަހަނައަޅައި ދާން ޖެހޭ."
މި ޕެނަލް ޑިސްކަޝަންގައި މި ދުވަހާއި ގުޅިގެން އިދިކޮޅު ހަތަރު ލީޑަރުން ފޮނުއްވި މެސެޖުތައް ވަނީ އިއްވާފައެވެ.