ކ. މާލެ
|
26 ޑިސެންބަރ 2017 | އަންގާރަ 23:21
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
މުހައްމަދު ޝަރުހާން
ހަސަން ލަތީފު
ރައީސް ޔާމީން ބަލިކުރުމަށް ދޫ ދޭންޖެހިއްޖެނަމަ އެކަން ވެސް ކުރާނަން: ހަސަން ލަތީފް
އެންމެ މުހިންމު މަސައްކަތަކީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ކުރާ މަސައްކަތް
މިއީ ސިޔާސީ ގޮތުން ދައްކަވާ ވާހަކަ އެއް ނޫން
ޕާޓީތައް ގުޅިގެން އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގު ހޯދަދޭން މަސައްކަތް ކުރޭ

ދިވެހި ގައުމު ހަމަ މަގަށް އެޅުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާއިރު ދޫ ދޭން ޖެހިއްޖެނަމަ ގައުމަށްޓަކައި އެކަން ވެސް ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންގާރަ ދުވަހު ކުނޫޒުގައި ބޭއްވި ޕެނަލް ޑިޝްކަޝަންގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ގައުމީ ރޫހުގައި ދިވެހި ރައްޔިތުންނަންޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާނެ ކަމަށެވެ. ހިޔާލު ތަފާތުވުންތައް އެއްކިބާކޮށްފައި ރައްޔިތުންނަށްޓަކައި ގުޅިގައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާއިރު ދޫ ދޭންޖެހޭ ކަންކަމުގައި ދޫ ވެސް ދޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.

" ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމައިގެން މި ތިބީ، މި ގައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް، ހަމަ ކޮންމެ ކަމެއް ކުރުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް، އަޅުގަނޑުމެން ދޫ ދޭން ޖެހޭ ތަންތަނުގައި ދޫ ވެސް ދޭން، އަދި ހިފަންޖެހޭ ތަންތަނުގައި ހިފައިގެން ވެސް މި ގައުމު ސަލާމަތް ކުރުމަށް، ރައީސް ޔާމީން ބަލިކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެ މުހިންމު މަސައްކަތަކީ ނިގުޅައިގެންފައިވާ ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް ކުރާ މަސައްކަތް ކަމަށެވެ. މިއީ ސިޔާސީ ގޮތުން ދައްކަވާ ވާހަކަ އެއް ނޫންކަން ފާހަގަ ކުރައްވަމުން ހަސަން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހަމަ ހަމަ ފުރުޝަތުތަކަކާއި އެކު ބޯ ހިޔާވަހިކަން ލިބިދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ ތަރައްގީ އަކީ ހުޅުމާލެއަށް މީހުން ޖަމާކުރުން ނޫން ކަމަށާއި، ދިވެހި ރައްޔިތުން ރަށު ބަންދުން ވީއްލަން ޖެހޭ ކަމަށެވެ. އަދި އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިވެހިންނަން ހޯދައިދިނުމަށް ގުޅިފައިވާ ޕާޓީތަކުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

- ކޮމެންޓް