ޕާޓީ ބަދަލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ އެއީ މައްސަލައެއް ނޫން ކަމަށާއި، ޕާޓީ ބަދަލުކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ބ. ތުޅާދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށް ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ދައުލަތް ހިންގުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ ހައްގުތަކަކީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ޕާޓީއެއްގެ ލީޑަރަކަށް ނަގާލެވޭނެ ހައްގެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އިސްލާމީ އުސޫލްތަކާއި، ޤައުމުގެ ހައްޤުތައް ނިގުޅައިގަނެ، ދައުލަތް ހިންގުމަށް ހުރަސްއަޅާ ޕާޓީތަކުން ވަކިވުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްޤެއް ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ ޕާޓީތަކުން ވަކިވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ވެސް ލާޒިމް ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެއާއެކުގައި އެމަނިކުފާނު ވިދާޅުވީ ޕާޓީތަކުން ވަކިވުމަކީ ފަސޭހަ ކަމެއް ވެސް ނޫން ކަމަށެވެ.
"އެހެންވީމަ މި ދެންނެވި ކަހަލަ މުގައްދަސް ގައުމިއްޔަތުގެ ހައްގުތައް. އޭގެ އިންފާރުތައް ފޫއަޅުވާލާ ގޮތަށް ޖާދަ ދޭ ފިކުރުތަކަށް މުއާމަލާތުކުރާ އިސް މީހުން ތިބޭ ޕާޓީތަކުގައި ބައަކަށް ތިބެވޭ ކަމަށް ވަންޏާ އެ ޕާޓީ ދޫކޮށްލުމަކީ، ދިވެހިރާއްޖޭގެ ދައުލަތާއި ދިވެހިރާއްޖޭގެ މުގައްދަސްކަން ދެމެހެއްޓުމަށްޓަކައި އޭނާގެ މައްޗަށް ކުރުން ލާޒިމް ކަމެއް." ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.
ޕާޓީ ބަދަލުކުރުމަކީ މައްސަލައެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާއިރު، އެމަނިކުފާނު އިސްވެ ހުންނަވާ ޕީޕީއެމްގެ އުސޫލުތައް ކަމުނުގޮސް، އެ ޕާޓީން ވަކިވިކަމަށް ބުނެ 12 މެމްބަރެއްގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމީ ރައީސް ޔާމީންގެ ބަންޑާރަ ނައިބް ސުޕްރީމް ކޯޓަށް ވަޑައިގެން ނިންމެވި ނިންމެވުންތަކެއްގެ ސަބަބުންނެވެ.
އިތުރަށް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެޔަށް ބޭރުގެ ނުފޫޒުތައް ވެއްދުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދާޚިލީ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ދިވެހި ދައުލަތާއި ރައްޔިތުންގެ ކިބައިގައި އެބަހުރި ކަމަށެވެ.