ނާޝިޔާ މުހައްމަދު ސަލީމްގެ ފުރަތަމަ ފޮތް "ފާތުމަ" އަންގާރަ ދުވަހު ނެރެފިއެވެ.
ރެޓްރޯ ކެފޭގައި ބޭއްވި ކުޑަ ހަފްލާއެއްގައި މި ފޮތް ނެރެދެއްވީ މަޝްހޫރު ޅެންވެރިޔާ އަދި އަދީބު އަބުދުﷲ ޞޯދިގު (ސޯދުބެ) އެވެ.
"ފާތުމަ" މި ފޮތަކީ ރާއްޖޭގައި ދިރިއުޅުނު ނަމޫނާ އަންހެން ކަނބަލެއް ކަމަށްވާ ފާތުމަގެ ދިރިއުޅުން ބައްޓަންކޮށްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެކެވެ. މި ފޮތް އަމާޒުކޮށްފައިވަނީ އުމުރުން ފަސް އަހަރުގެ މަތީގެ ކުދިންނަށެވެ.
މި ފޮތް ނެރެދެއްވަމުން ސޯދުބެ ވިދާޅުވީ އާއިލީ ކުއްޖަކު އިސްނަގައިގެން މިކަހަލަ ފޮތެއް ނެރުނީތީ އުފާކުރައްވާ ކަމަށާއި އުންމީދަކީ އައު ފޮތްތަކެއް އާންމުންނާއި ހަމައަށް ނެރެވި ރާއްޖޭގައި ކުރިން ދިރިއުޅުއްވި ލާމަސީލު ބޭފުޅުންގެ ވާހަކަތައް އާންމު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެވިގެން ދިޔުން ކަމަށެވެ.
މި ފޮތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ނާޝިޔާ ބުނީ "ފާތުމަ" މި ފޮތް ލިޔަން ގަސްތުކުރީ ފާތުމައަކީ ކުރީ ޒަމާނުގައި އަންހެނުން ނުކުރާ ވަރަށް ގިނަ މަސައްކަތްތައް ވަރަށް ކެރިގެން އަޒުމާއި ހިތްވަރާއި އެކީ ކުރި ކަނބަލެއް ކަމުން އޭނާގެ ވާހަކަ އާންމުންނަށް ހިއްސާކުރަން ބޭނުންވުމުން ކަމުގައެވެ. އަދި ހާއްސަކޮށް ކުޑަކުދިންނަށް މި ވާހަކަ މެދުވެރިކޮށް ދޭން ބޭނުންވާ މެސަޖަކީ ކޮންމެ ޖިންސެއްގެ ކުއްޖެއް ކަމުގައި ވިޔަސް އެ ކުއްޖަކު ކުރަން ބޭނުންވާ މަސައްކަތެއް ބޮޑުވެގެން ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުން ކަމަށް ނާޝިޔާ ބުންޏެވެ.
"ފާތުމަ" ފޮތާއި ބެހޭގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ކުޑަކުދިން އެންމެ ކުޑައިރުއްސުރެން ޖިންސުގެ ތަފާތު ކުރުމަކީ އޮންނަ ޖެހޭނެ ކަމެއް ނޫންކަން އަންގައިދޭން ޖެހޭނެ ކަމަށާއި މި ފޮތުގެ ސަބަބުން ކުޑަކުދިން އެކަމަށް ހޭލުންތެރިވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މިއަންނަ އަހަރުގެ ފެބްރުއަރީ މަހު ނާޝިޔާގެ އިތުރު ފޮތެއް ބާޒާރަށް ނެރެވިގެންދާނެ ކަމަށް އޭނާ ބުންޏެވެ.
މި ފޮތް ބުދަ ދުވަހުން ފެށިގެން އަސްރަފީ ބުކްޝޮޕުން ލިބެން ހުންނާނެއެވެ.