ޝަރޫ ލޯންޗް ސަރވިސް މެދުވެރިކޮށް ގަވާއިދާ ހިލާފަށް ފެނަކަ ކޯޕްރޭޝަނަށް ޑޮލަރު ގަންނަން ފައިސާ ދޫކުރި މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ގަވާއިދާ ޚިލާފަށް ފެނަކަ އަށް ގިނަ އަދަދެއްގެ ޑޮލަރު ގަނެފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ފަހު އޭސީސީ އިން ދައުވާ ކުރަން ފޮނުވާފައި ވަނީ ނިމާލުގެ އިތުރުން، އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރ، ޗީފް ޓެކްނިކަލް އޮފިސަރ އަދި ޑިރެކްޓަރުގެ މައްޗަށެވެ. އޭސީސީއިން ހުށަހަޅާފައިވަނީ، މި ފަރާތްތަކުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑޮލަރުގެ މައްސަލައިގައި ދައުވާކުރަން އޭސީސީ އިން ފޮނުވި މައްސަލަ ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލަ ދިރާސާ ކުރުމަށް ފަހުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް ޑޮލަރު ގަންނަން ފައިސާ ދޫކުރި މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީ އިން ނެރުނު ރިޕޯޓުގައިވާ ގޮތުގައި ތިން ފަހަރެއްގެ މަތިން 1.1 މިލިއަން ޑޮލަރު ގަތުމަށްޓަކައި ފެނަކައިން އެޑްވާންސްކޮށް 17.8 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.
މީގެ ތެރެއިން ތިން ލައްކަ ޑޮލަރު ގަތުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތައްޔާރުކޮށްފައިވާ 4.6 މިލިއަން ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރާއި ޗީފް ޓެކްނިކަލް އޮފިސަރ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސިސީގެ ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައިވާ ގޮތުގައި އެ ވައުޗަރާ ގުޅިގެން ތައްޔާރުކޮށްފައިވާ ޗެކުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއިކުރައްވާފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ ޑިރެކްޓަރެވެ. މީގެ އިތުރުން، 389,105 ޑޮލަރު ގަތުމަށްޓަކައި ފެނަކައިން ތައްޔާރުކޮށްފައިވާ ހަ މިލިއަން ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއިކުރައްވާފައި ވަނީ ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރާއި ޑިރެކްޓަރެވެ. އަދި 469,000 ޑޮލަރު ގަތުމަށްޓަކައި ފެނަކައިން ތައްޔާރުކޮށްފައިވާ 7.2 މިލިއަން ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ހުއްދަ ދިން ފަރާތެއްގެ ގޮތުގައި ސޮއިކުރައްވާފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރު ކަމަށް ބުނެފައި ވެއެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުގައި، މި ތިން ފަރާތުން ވެސް ޑޮލަރު ގަތުމަށް ފައިސާ ޚަރަދު ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން، ޝަރޫ ލޯންޗް ސަރވިސްއަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ކުންފުންޏެއްތޯ އާއި ޑޮލަރު ވިއްކުމުގެ މާލީ ގާބިލުކަން ހުރި ކުންފުންޏެއްތޯ ބަލާފައެއް ނުވެއެވެ.
އޭސީސީގެ ރިޕޯޓުގައިވާ ގޮތުގައި، އެޑްވާންސްކޮށް ފެނަކައިން 17.8 މިލިއަން ރުފިޔާ ޚަރަދު ކުރުމުގެ ސަބަބުން ޝަރޫ ލޯންޗް ސަރވިސް އަށް ނާޖާއިޒު ފައިދާތަކެއް ވަނީ ލިބިފައެވެ.