ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 08:09
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގައުމާ މުހާތަބުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގައުމާ މުހާތަބުކުރައްވަނީ
ރައީސް އޮފީސް
ރައީސް ޔާމީން
ޤައުމީ ރޫހާއި އެކުވެރިކަން ކުރިއަށް ނެރުއްވުމަކީ ކޮންމެ ރައްޔިތެއްގެ ވާޖިބެއް: ރައީސް ޔާމީން
ސުނާމީ ކާރިސާއަށްފަހު ދިވެހިންގެ އެއްބައިވަންތަކަމުގެ ގުޅުމުން އިބްރަތް ހާސިލްކުރަންޖެހޭ

ތަރައްގިއަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭ މަސައްކަތެއްކަމުގައި ބަލައިގަނެ، ގައުމީ ރޫހާއި އެކުވެރިކަން ކުރިއަށް ނެރުއްވުމަކީ، ދިވެހި ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަމުގައި ދެކެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ހިޠާބުގައެވެ.

އެމަނިކުފާނުގެ ހިޠާބުގައި ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، މި ދުވަސް ފާހަގަކުރަމުން ގެންދަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާއާ ގުޅިގެން، ރާއްޖޭގެ ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމުގެ ގޮތުންކަން ފާހަގަކުރެއްވިއެވެ.

މިގޮތުން، ސުނާމީ ކާރިސާއަކީ އެތައް ބައެއްގެ ފުރާނަ ގެއްލި ކުޑަހިނދުކޮޅެއްގެ ތެރޭގައި މުޅި ގައުމު، ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކާރިސާއެއް ކަމަށާއި، އެ ގެއްލުންތަކުން އަރައިގަތުމަށް ރައްޔިތުން އެކުގައި ކުރި މަސައްކަތްތައް މިއަދުވެސް ހަނދާންކުރަންޖެހޭކަމުގައި އެމަނިކުފާނުގެ ހިތާބުގައި ވަނީ ވިދާޅުވެފައެވެ.

ސުނާމީ ކާރިސާއަށްފަހު ދިވެހި ރައްޔިތުން ދައްކަވައިދެއްވި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުމުން މިއަދުވެސް އިބުރަތް ހާސިލު ކުރަންޖެހޭ ކަމަށާއި، އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގެ މަތިވެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ގައުމީ މަސްލަހަތު އިސްކުރުމަކީ، ކާރިސާތަކުން ދަސްކުރަންވީ ފިލާވަޅެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް