ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 08:11
ރައީސް އަބްދުﷲ ޔާމީނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
ރައީސް އަބްދުﷲ ޔާމީނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
ޓްވިޓަރ
ދިވެހިރާއްޖެ - އިންޑިއާ
އިންޑިއާ ސަރުކާރުގެ އިސް ވަފުދެއް ރާއްޖެ އަންނަނީ
ދެ ގައުމުގެ ގުޅުމަށް ހީނަރުކަން އައިސްފައިވާކަމުގެ ވާހަކަތައް ދަނީ ދެކެވެމުން
އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިއާ ކަމުގައި ސަރުކާރުން ދަނީ ބުނަމުން
ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް އަދިލިބިފައެއް ނުވޭ

އިންޑިޔާ އާއި ރާއްޖޭގެ ގުޅުމަށް ހީނަރުކަމެއް އުފެދިފައިވާ ކަމުގެ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި އިންޑިއާ ސަރުކާރުގެ ވަފުދެއް ރާއްޖެއަށް އައުމަށް ތައްޔާރުވަމުންދާކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.

އިންޑިއާ ނޫހެއް ކަމުގައިވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި، ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރުމަށް އިސްނަގާފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ މަޝްވަރާ ކުރުމަށް ކަންކަން ކުރައްވާނެ ގޮތްތައް ދެނެގައުމުގެ މަސައްކަތް ކަމަށާއި މި ވާހަކަތަކުގެ ސަބަބުން ދެގައުމުގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް އެނޫހުގައި ހާމަކޮށްފައި އެވެ.

މި މަޝްވަރާތައް ކުރުމަށް، އިންޑިއާގެ ހާއްސަ ޓީމެއް އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ރާއްޖެއަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުނެ އެވެ.

މި ދަތުރާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވާ އިރު މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް ރައީސް އޮފީހުގެ ތަރުޖަމާނަށް ގުޅާލުމުން ވެސް ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ހީނަރުކަން އައިސްފައިވާއިރު ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްފައިވަނީ ލޯކަލް މީޑިއާތަކުގައި އިންޑިއާގެ ބޮޑުވަޒީރާ ގުޅޭ ގޮތުން ދެކެވުމުންދިޔަ ވާހަކަތަކާ ގުޅިގެން ކަމަށް އިންޑިއާގެ މީޑިއާތަކުން ސިފަ ކުރެ އެވެ. އެގޮތުން ނަރެންދްރަ މޯދީ އަކީ މުސްލިމުންނާއި ދެކޮޅު ރާއްޖޭގެ ދުޝްމިނު ގައުމެއްގެ ގޮތުގައި ސިފަ ކުރުމުން ދެގައުމުގެ ގުޅުން އިތުރަށް ގޯސްވެފައިވާ ކަމަށް އެ ގައުމުގެ މީޑިޔާތަކުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ، ގއ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ ބައްދަކުރެއްވުމާ ގުޅިގެން ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރުމުންވެސް ދެ ގައުމުގެ ގުޅުމަށް ހީނަރުކަން އައިސްފައިވާކަމަށް އިންޑިއާގެ މީޑިޔާތަކުން ސިފަ ކުރެ އެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވަނީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެކުވެރި ގައުމު ކަމުގައި ހާމަކޮށްފަ އެވެ. އެގޮތުން ޗާއިނާއާއެކު ވެވުނު ވިޔަފާރީގެ އެއްބަސްވުން ގޮތަށް އިންޑިއާއާއެކުވެސް އެފަދަ ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން މަސައްކަތްކުރާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. 

 

- ކޮމެންޓް