މި ސަރުކާރަށް ހަތަރު އަހަރުވީއިރު އެމްޑީޕީން ޅ.ހިންވަރުގައި ފެށުމަށް ނިންމާފައިވާ މަޝްރޫއެއް ފިޔަވާ އައު މަޝްރޫއެއްގެ ވާހަކަ ރައީސް އަބްދުﷲ ޔާމިނަށް ވިދާޅުނުވެވުނުކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިދާރީ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ފައްޓަވައިދެއްވި ފެނުގެ ނިޒާމްގެ މަޝްރޫއަކީ 2011 ވަނަ އަހަރު ސޮއި ކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.
"ގާތްގަނޑަކަށް ދެ ގަޑިއިރު ވި. އެމަނިކުފާނަށް އެ ފެނުގެ ނިޒާމް ތައްޔާރުކުރެވިފައި ހުރީ ކޮންތާކުކަމެއްވެސް އެނގިވަޑައިނުގަންނަވާ. ސްކޫލެއްގެ ތެރޭގައި ހުންނަވައިގެން ފަރުދާއެއް ކައްސަވާލައްވާފައި ވިދާޅުވީ މި އޮތީ މި ނިޒާމް ފެއްޓިފަ އޭ. މިއީ 2011 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގައި ސޮއި ކޮށްފައި އޮތް މަޝްރޫއެއް. މިއީ އެމެރިކާ ސަރުކާރުން ޔޫއެސްއެއިޑްގެ އެހީގެ ދަށުން ފައްޓަވާފައިވާ މަޝްރޫއެއް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ވެރިކަން ކުރި އަހަރުތަކަކީ ހިންނަވަރައް މާޔޫސް އަހަރުތަކެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައިވާ ވާހަކައަށް ރައްދު ދެއްވައި، ނިޔާޒް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ހިންވަރު މާޔޫސްވާން ޖެހޭނީ މަޝްރޫއުތައް ހިންގިލެއް ބާރުކަމުން ކަމަށެވެ.
"އެމަނިކުފާނު ވިދާޅުވި ކަމަށް ނޫސްތަކުގައި އެބަ އޮވޭ އެމްޑީޕީ ސަރުކާރުގައި ކޮށްދީފައި އޮތް ކަމަކީ ފަސްގަނޑެއް ހިއްކުމޭ. ތެދެއް 28 ހެކްޓަރުގެ ބޮޑުބިމެއް ހިއްކި. ހަމަ އެކަނި އެއެއްނޫން. ރަށުގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރީ އެމްޑީޕީގެ ސަރުކާރުން. ބަނދަރު ބޮޑުކޮށްދިނީ އެމްޑީޕީގެ ސަރުކާރުގައި. އެއަށްފަހު އަޅުގަނޑުމެން އެދުނިން އެމްޑީޕީ ސަރުކާރާ ގުޅުމަށް. ވަޑައިގެން އަޅުގަނޑުމެން ކުރިމަތީ ސޮއި ކުރައްވާ ދެއްކެވި ވާހަކަ އަޅުގަނޑުމެން ހަނދާން އެބަ ހުރި،" ނިޔާޒް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުގައި ކޮށްދިން ކަންތަކަށް އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ހިންނަވަރުގެ ރައްޔިތުން ވަނީ ވޯޓުދީފައިކަން ނިޔާޒް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި 59 އިންސައްތަ ވޯޓު ހިންނަވަރުން ލިބިފައިވަނީ ކުރީގެ ރައީސް ނަޝީދަށް ކަމަށެވެ.
މީގެ އިތުރުން ނިޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފެއްޓެވި މަޝްރޫއެއް ފިޔަވާ އާ މަޝްރޫއެއްގެ ވާހަކަ ރައީސް ޔާމިނަށް ވިދާޅުނުވެވުމުން ދެން ވޯޓަށް އުއްމީދު ކުރެއްވުން ރަނގަޅުވާނެ ކަމަށެވެ. އަދި ދެންވެސް ހިންވަރާ ރާއްޖޭގެ އިތުރު ރަށްތަކުގައި މަޝްރޫއުތައް ހިންގާނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ.