ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 22:54
އޭދަފުށީގައި ބޭއްވި ޖަލްސާގައި ސަލީމް ވާހަކަދައްކަވަނީ
އޭދަފުށީގައި ބޭއްވި ޖަލްސާގައި ސަލީމް ވާހަކަދައްކަވަނީ
ހައުސިންގް މިނިސްޓްރީ
ރެޑްވޭވް ސަލީމް
ރެޑްވޭވް ސަލީމް ދެއްކެވި ވާހަކައާއި ގުޅިގެން، ހިތްޕުޅާނުވެ ރައީސް ޔާމީން ސަލާމެއް ނުކުރެއްވި!
ސަލީމްގެ ވާހަކަތައް ބިނާކުރެއްވީ އިސްލާމީ ތާރީހުގައި ވެރިން ކަންކުރެއްވި ގޮތުގެ މައްޗަށް
ސީދާ ވަކި ބޭފުޅަކަށް އަމާޒުކޮށް އެއްވެސް އެއްޗެއް ވިދާޅެއް ނުވޭ
ވެރިންނަކީ ރައްޔިތުން ދެކެ ލޯބިވާ، އޯގާތެރި ބަޔަކަށްވާންޖެހޭކަމަށް ވިދާޅުވި، އެހެން ނޫންކަމުގައިވާނަމަ އެއްވެސް ވޯޓެއް ނުލިބޭނެކަމަށް ވިދާޅުވި

އޭދަފުށީ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި އަނިޔާވެރިކަމާއި ގުޅޭގޮތުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (އެޑްވޭވް ސަލީމް) ދެއްކެވި ވާހަކައާއި ގުޅިގެން ހިތްޕުޅާނުވެ ރައީސް އަބްދުﷲ ޔާމީން ސަލީމާއި ސަލާމް ނުކުރެއްވި އެވެ.

 

ރައީސް ޔާމީން ސަލީމާއި ސަލާމް ނުކުރެއްވިކަން ފާހަގަކޮށް، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އަނިޔާވެރިކަމާއި ގުޅޭގޮތުން ސަލީމް ދެއްކެވި ވާހަކައާއި ގުޅިގެން، ރައީސް ޔާމީނަށް އަސަރުކޮށް ވަރަށް ކަންބޮޑުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ސަލީމާއި ސަލާމް ވެސް ނުކުރެއްވި ކަމަށް މުސްތަފާ ވިދާޅުވި އެވެ.

 

އޭދަފުށީ ބަނދަރު ސަރަހައްދުގައި ހޯމަ ދުވަހު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވަނީ އިސްލާމީ ތާރީހްގެ ބަޔެއް ވާހަކަތައް ދައްކަވާފަ އެވެ. އަދި ރަސޫލުންނާއި، އަސްހާބު ބޭފުޅުންގެ ބައެއް ވާހަކަތައް ސަލީމް ވިދާޅުވެފައިވެއެވެ.

 

އެގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ވަކި ލީޑަރަކު ނެތި ކާމިޔާބު ނުލިބޭނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިހުލާސްތެރިކަމާއެކުގައި ރައްޔިތުންނަށް ލޯބިން ޚިދުމަތްކޮށްދޭ، އަދި ހަރުކަށި ކަންމަތީގައި ބޮޑެތި ބަސްތައް ނުބުނާ ވެރިންދެކެ ރައްޔިތުން އަބަދުވެސް ލޯބިވާނެ ކަމަށެވެ. އަދި އޭރުން ރައްޔިތުން އެ ވެރިޔަކަށް ވޯޓުވެސް ދޭނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުންވެސް އެ ވެރިޔަކަށް ތާއީދުކުރާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

 

ތަފާތު ރާގަކަށް ވާހަކަ ބައްޓަން ކުރެއްވި ސަލީމް ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހިމް، އެކަމަނާ ކުރިއަށްގެންދާ ހަރަކާތްތައް ކުރިއަށް ގެންދާއިރުވެސް އެއްވެސް ވަރަކަށް ބިރު ދައްކަވާ ހައްދަވާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި މެޑަމް ފާތިމަތު އިބްރާހިމް ކަންތައްތައް ކޮށްދެއްވަނީ ކޮނޑުގައި ފިރުމާލެއްވުމަށް ފަހު، އެހާ އަޑުގަދަ ނުކުރައްވައި ކަމަށް ސަލީމް ވިދާޅުވި އެވެ.

 

ސަލީމް ވިދާޅުވީ، ވެރިން ހަރުކަށިވާން ޖެހޭ ދަނޑިވަޅުތައް އަންނާނެ ކަމަށެވެ. އަދި ވެރިންގެ އަމުރާއި ހިލާފަށް ބަޔެއް ފަހަރު ކަންކަން ކުރެވޭ ވަގުތު އަންނަ ކަމަށާއި، ނަމަވެސް އެފަދަ ދަނޑިވަޅުތަކުގައި ވެސް ވެރި މީހާ މައާފުކޮށް ކަންކަމުގައި މަޝްވަރާ ކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ. އޭނާ އެގޮތަށް ވިދާޅުވީ ވެސް އިސްލާމީ ތާރީހުގެ ބައެއް ވާހަކަތައް ހިއްސާ ކުރެއްވުމަށްފަހުގަ އެވެ.

 

ސަލީމްގެ ވާހަކަތައް ތަފާތުގޮތަކަށް ބެހެއްޓެވިއިރު، އެ ވާހަކަތައް އަޑު އައްސަވަން އިންނެވި އިރު ރައީސް ޔާމީން އިންނެވީ އެހާ ސަމާލުކަން ދެއްވައިގެނެއް ވެސް ނޫނެވެ. އާންމުގޮތެއްގައި ރައީސަށް ތައުރީފްކޮށް ވާހަކަ ދައްކަވާއިރު އެ މަނިކުފާނު ހިނިފުޅު ވެޑުވި ނަމަވެސް އެ މަންޒަރު ފެނިގެންގޮސްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް