ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 22:43
ކެންދޫގައި އިދިކޮޅު މީހުން ގެންގުޅުނު ލިޔުންތައް ފުލުހުން ޗެކްކުރަނީ:-
ކެންދޫގައި އިދިކޮޅު މީހުން ގެންގުޅުނު ލިޔުންތައް ފުލުހުން ޗެކްކުރަނީ:-
މުރުޝިދް އަބްދުލް ހަކީީމް
ބ. ކެންދޫ
ކެންދޫއަށް ރައީސް ވަޑައިގެންނެވީ، އިދިކޮޅު މީހުން ގެންގުޅުނު ޕޯސްޓަރުތައް ކޯޓު އަމުރެއްގެ ދަށުން އަތުލުމަށް ފަހު
ކޯޓު އަމުރުގައި އަތުލުމަށް ބުނެފައިވާ ލިޔުންތައް ނުގެންގުޅޭ
އަތުލި ބައެއް ލިޔުންތަކުގައި ވަނީ ވައްކަމާ ދެކޮޅުކަން
ބައެއް ލިޔުންތަކުގައި ރިސޯޓް ހިއްސާ ކޮބައިތޯ އަހާފައިވޭ

ބ.ކެންދޫއަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިއަދު ވަޑައިގެންނެވީ އިދިކޮޅު ފަރާތްތަކުން ޝުއޫރު ފާޅުކުރުމަށް ލިޔުނު ޕޯސްޓަރުތައް ކޯޓު އަމުރެއްގެ ދަށުން އަތުލުމަށް ފަހު ކަމަށް "ރާއްޖެ އެމްވީ"އަށް އެނގިއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމިން ކެންދޫއަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. އެރަށަށް ރައީސް ޔާމިން ވަޑައިގަންނަވާތީ އެރަށުގައި ތިބި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ތިބީ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރުމަށް ތައްޔާރުވެގެންނެވެ. 

ރައީސް ޔާމިން އެރަށަށް ވަޑައިގަތުމަށް ކުޑަތަންވެފައިވަނިކޮށް ކެންދޫގައި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ވަނީ އިދިކޮޅު މީހުން ދަމާފައިވާ ބެނާތަކާއި އަޑު ގަދަ ކުރުމަށް ބޭނުންކުރާ ސާމާނު ހިފެހެއްޓުމަށެވެ. ނަމަވެސް އިދިކޮޅު މީހުން ޝުއޫރު ފާޅުކުރުމަށް އެއްވެސް ބެނާއެއް ތައްޔާރު ކޮށްފައިނުވާއިރު ގެންގުޅުނު ޕޯސްޓަރުތަކުގެ ވާހަކަ ކޯޓު އަމުރުގައި ނެތެވެ. 

ކެންދޫގައި އިދިކޮޅު ފަރާތްތަކުން ގެންގުޅުނު ލިޔުންތައް ފުލުހުން ބަލަނީ:- އެ ލިޔުންތައް ފުލުހުން ވަނީ އަތުލާފައި

ކޯޓު އަމުރަކަށް ފުލުހުން އެދިފައިވަނީ ރައީސް ޔާމިންގެ ދަތުރުފުޅާ ދިމާކޮށް ކެންދޫގެ އެކި ސަރަހައްދަށް މީހުން އެއްވެ، މަސްލަހަތު ނަގާލަން، ބަޔަކު މީހުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެވެ. އަދި ކޯޓު އަމުރު ނެރެފައި ވަނީ ކެންދޫ މަގުތަކާއި އެރަށުގެ އާންމުތަންތަނުގައި ދަމާހުރި ހަޑިހުތުރު އެއްޗެއްސާއި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ބެނާތަކާއި ފޮއްޗާއި ދިދަތަކާއި އާންމު މަސްލަހަތަށް ގެއްލުން ހުރި ތަކެތި ނެގުމަށް ނެރުނު އަމުރުގެ ދަށުންނެވެ.

ކޯޓު އަމުރަކަށް ފުލުހުން އެދުނީ ފުލުހުންނަށް ލިބިފައިވާ ސިއްރު މައުލޫމާތެއްގެ މައްޗަށްކަން އެ އަމުރުން އެނގެ އެވެ.

ކޯޓު އަމުރަށް ފުލުހުން އެދުނީ ގާނޫނުލްއުގޫބާތުގެ 615ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރާއި އަދި ގާނޫލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ 6 ވަނަ ނަމްބަރާ ހަވާލާދީ އެވެ.

އޭގެ ތެރެއިން ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރުގައި ބަޔާން ކުރަނީ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރުހީވާނެކަން އެނގިހުރެ ހަޑިހުތުރުބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުކުރުން އެއީ ކުށެއް ކަމުގަ އެވެ. އަދި ގާނޫލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ 6 ވަނަ ނަމްބަރުގައި ބަޔާން ކޮށްފައިވަނީ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު އެމީހެއްގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން. ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ، ޖާއިޒް މަގުސަދެއް ހާސިލްނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީ ގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަ ފަދަ ހާލެއް އުފެއްދުމުގެ ކުށެވެ.

ކެންދޫއަށް ރައީސް ޔާމިން ވަޑައިގެން އެރަށުގެ ބައެއް މީހުންނާ ރައީސް ސަލާމް ކުރައްވަނީ

އެ ފަދަ ބޮޑެތި ތުހްމަތުތަކެއް ކޮށްފައިވީ ނަމަވެސް ކޯޓު އަމުރުގައި ބުނެފައިވާ ފަދަ ބެނާތަކެއް އެރަށުން ފެނިފައިނުވެ އެވެ. އަދި ޕޯސްޓަރުތައް ލިޔުމުގައި އުޅުނު މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ކޯޓު އަމުރުގައި އެ ބުނާ ފަދަ ހުތުރު އެއްވެސް އެެއްޗެއް ލިޔެފައިނުވާ ކަމަށެވެ. އަދި ބެނާ ވެސް ތައްޔާރު ކޮށްފައިނުވާއިރު ހަމަ އެކަނި ލިޔުނީ ހުދު ގަނޑުތަކެއްގައި ޝުއޫރުތަކެއް ކަމަށް އޭނާ ބުންޏެވެ. ރާއްޖެއެމްވީއަށް ވެސް ލިބިފައިވާ އެ ފޮޓޯތަކުގައި ވަނީ ވައްކަން ކުރުމާއި އަނިޔާވެރިވުމަށް އެރަށުގެ ރައްޔިތުން ނޭދޭ ކަމަށް ބުނެފައިވާ ލިޔުންތަކެވެ. އަދި ސަރުކާރުން ދޭން ވައުދުވި ރިސޯޓް ހިއްސާކޮބައިތޯ އާއި ވައުދުތަކާ ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުތައް ހިމެނޭ ލިޔުންތައް ފުލުހުން ވަނީ ގެންގޮސްފަ އެެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް