ގިނަ އަދަދެއްގެ ބަނގުރާފުޅިއާއި ބިޔަރުތަޅުތަކަކާއެކު ތިން ބިދޭސީއަކާއި ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޤަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް މައުލޫމާތު ލިބިގެން މި މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ 46 އަހަރާއި 27 އަހަރާއި 22 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އޭގެ ތެރެއިން އެއް ބިދޭސީއަކު ހައްޔަރުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ، އަލޯރާ ފިހާރަ ކައިރިން ކަމަށާއި އެ މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން ބަނގުރާ 7 ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި އަނެއް ދެ ބިދޭސީންނާއި ދިވެހި މީހާ ހައްޔަރުކުރީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ކޯޓު އަމުރެއްގެ ދަށުން އެސަފާރީ ބަލައިފާސްކުރިއިރު ޤަވާއިދާ ހިލާފަށް ގެންގުޅެމުން ދިޔަ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ބިޔަރު ދަޅުތަކެއް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ބްރޭންޑްތައް ހިމެނޭގޮތަށް 87 ކޭސް ބަނގުރާ ފުޅިއާއި 25 ފުޅި ބަނގުރަލާއި 20 ފުޅި ބިޔަރާއި 47 ކޭސް ބިޔަރުގެ އިތުރުން 46 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް 5 ދުވަސް ވަނީ ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.