ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޝައްމޫން ހަމީދު ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޝައްމޫން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭނާ މަގާމުން ވަކިކުރީ އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އާ ސެކްރެޓަރީ ޖެނެރަލަކު އައްޔަން ކުރަންޖެހޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދަށް އިސްލާހު ގެނައުމަށް ފަހު އެވެ. އެޗުއާރުސީއެމްގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މުއްދަތަކީ އެމަގާމަށް މީހަކު އައްޔަންކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި އޭނާގެ ބަދަލުގައި އެ މަގާމަށް އެހެން ބޭފުޅަކު ވަނީ ހަމަ ޖައްސާފަ އެވެ.
މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ އޭނާ ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޝައްމޫން އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާ ކުރެއްވަން ފެއްޓެވީ 2012 އަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެހެން ކަމުން ގަވައިދަށް ގެނައި އިސްލާހާއެކު ފަސް އަހަރުވެގެން ޝައްމޫން އެ މަގާމުން ވަކި ކުރެވޭނީ ވެސް މި އަހަރުގެ ފެބްރުއަރީ މަހު އެވެ.
ޝައްމޫން ވަޒީފާއިން ވަކިކުރި މައްސަލާގައި ހުކުމް ކޮށްފައި މި ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ.