ރައްޔިތުންނަށް މުހިންމު ކަންކަމުގައި މަޝްވަރާ ކުރުމަކީ "ވަގުތު ނަގާލާ، ބޮޑު އިސްރާފެއް" ކަމަށާއި، އެކަން ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އެމަނިކުފާނަށް އަމާޒުވާ ފާޑުކިޔުންތަކުގެ ތެރޭގައި އެމަނިކުފާނު ކަންކަމުގައި މަޝްވަރާ ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގަޔާއި، ސަރުކާރުގެ އިސް މަޤާމުތަކުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، މަޝްވަރާ ކުރުމުގައި އެންމެ ބޮޑެތި ތަޖުރިބާތައް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެ މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ޔާމީން ވިދާޅުވީ އާދައިގެ ކަންކަމުގައި މަޝްވަރާ ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި މަޝްވަރާކޮށް ހެދުމަކީ ވަގުތު ގެއްލޭ، ވަރަށް ބޭކާރު ކަމެއް ކަމަށާއި، އެހެންކަމުން އެފަދަ ކަންކަމުގައި މަޝްވަރާ ނުކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މަޝްވަރާ ކުރުމަކީ ރަނގަޅު ކަމެއް. އެކަމަކު ނިމި، އެނގި، ފާޅުވެފައި ހުރި ކަންކަމުގައި އިތުރަށް މަޝްވަރާކުރުމަކީ ވަގުތު ނަގާލުން. ވަގުތު ނަގާލުމަކީ ކުރެވޭ އެންމެ ބޮޑު އިސްރާފް. އެކަމެއް ނުކުރެވޭނެ." ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ބޮޑެތި ކަންކަމުގައި މަޝްވަރާކުރުމަށް ކެބިނެޓް ބައްދަލުވުން ބާއްވަންޖެހުނު ނަމަވެސް އެކަމުގައި އެމަނިކުފާނު ޝޯޓްކަޓް ނަންގަވާފައިވާ ކަމަށެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކުން ކެނބިނެޓް ބައްދަލުވުންތައް ހަފްތާގައި ބޭއްވި ނަމަވެސް މި ސަރުކާރުން އެގޮތަށް ކަންތައްތައް ނުކުރާ ކަމަށާއި، މި ސަރުކާރުން ކެނބިނެޓް ދެ ފަޅިކޮށްލާފައިވާނޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނަކީ އަނިޔާވެރި ބޭފުޅެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކައަށް ރައްދުދެއްވާފަ އެވެ. އަދި އެމަނިކުފާނަކީ އަނިޔާވެރި ވެރިޔެއް ނޫން ކަމަށާއި، ކޯޓު ހުކުމެއްގެ ބޭރުން އެއްވެސް މީހަކު ހައްޔަރުކޮށް، ބަންދުކޮށްފައިނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ކޯޓުން އިއްވާ ހުކުމްތަކަށް މި ސަރުކާރުން އިހްތިރާމް ކުރާނެ ކަމަށެވެ. އަދި ކޯޓުތަކަށް ނުފޫޒް ފޯރުވުމަށް އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި، ޖަލުގައި ހުރި ކޮށްވެރިޔަކު ވެސް ދޫނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ޝަރުތުތަކާއެކުގައި މަޝްވަރާއަށް ވަޑައިގެންނެވި ނަމަވެސް އެފަދަ މަޝްވަރާ އެއްވެސް ނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންއަކީ ކޮރަޕްޓް ބޭފުޅެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، މުއްސަނދިކަމެއް ލިބިފައިވާނަމަ އެއީ ﷲ ދެއްވި މުއްސަނދިކަމަކާއި ތަނަވަސްކަން ކަމަށެވެ. އަދި އެ މުއްސަހަނދިކަމާއި މެދު އެއްވެސް ސުވާލެއްވާނަމަ އިދާރާތަކަށް މައްސަލަތައް ހުށައެޅުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.