ނ މާފަރުގައި އެއާރޕޯޓް ހަދައިދިނުމަށް ޔޫއޭއީ އިން އެއްބަސްވީ އެމަނިކުފާނާއި ޔޫއޭއީގެ ޝާހީ ޢާއިލާ އާއި ދެމެދު އުފެދުނު ނުރަސްމީ އަމިއްލަ ގުޅުމެއްގެ ތެރެއިން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވުމުން އެކަމަށް ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ފާޑު ވިދާޅުވެއްޖެއެވެ.
ޑރ މަޖީދު ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމިއްލަ ގުޅުމެއްވިއްޔާ އޭގެ ފަހަތުގައި އަމިއްލަ ކޮންމެ ވެސް މަސްލަހަތެއް ނެތި ނުދާނެ ކަމަށާއި އެދުމެއް ނެތި ވެދުމެއް ނުކުރާނެޔޭ މީހުން ބުނެ އުޅެނީ ނަމަކަށް ނޫން ކަމުގައެވެ.
މީގެ އިތުރުން ޑރ. މަޖީދު ވަނީ އަމިއްލަ ގުޅުން އުފެދުނީ އަމިއްލަ ގެކޮޅުގައި އިންނަވަނިކޮށްތޯ ސުވާލު އުފައްދަވާފައެވެ.
ޔޫއޭއީ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ނ އަތޮޅު ވެލިދޫ ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި އާދިއްތަ ދުވަހު ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެބޭފުޅުންނާއި ގުޅުން ބަދަހިވީ ޝާހީ އައިލާގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ކަމަށެވެ. އަދި އެބޭފުޅުން ބައްދަލު ކުރައްވަން އެދިވަޑައިގަތުމުން އެބޭފުޅުންނާއި ނުރަސްމީކޮށް ބައްދަލު ކުރެއްވި ކަމަށާއި، އެބޭފުޅުންނަކީ ލިޔެކިޔުމުގެ ބަދަލުގައި ބަހުގެ އިތުބާރަށް މަސައްކަތް ކުރައްވާ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ.
މާފަރު އެއަރޕޯޓް އަޅަން ޔޫއޭއީއަށް ދިނީ މާފަރުގައި އެއަރޕޯޓްއަޅަން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ޓްރެވަލްސް ޝިޔާމް) އަށް ދީފައި އޮއްވައެވެ. އަދި އޭގެ ކުރީގައި އެތަން ހަދަން ހަވާލުކޮށްފައިވަނީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ކުންފުންޏަކަށެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާފަރު އެއަރޕޯޓް ދޫކޮށްލައްވަން ސިޔާމް ނިންމެވީ ބަދަލު ނެންގެވުމެއް ނެތި ކަމަށެވެ، އަދި ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް ބަދަލު ނުހޯއްދަވާނެތޯ ރައީސް ޔާމީން ވަނީ ސިޔާމް އާއި ސުވާލު ކުރައްވާފައެވެ.