ވަކި ތަނެއްގައި މުޒާހަރާ ނުކުރެވިގެން، ނުވަތަ ވަކި މީހަކު ބަންދުގައި ހުރެގެން، އެވާހަކަ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި ހަމައަށް ގެންދާނަމަ އެ ބަޔަކަށް ޖެހޭނީ ވަރަށް ފުނާއި ޖެހެންދެން އެމަނިކުފާނުގެ ކަންފަތްޕުޅުން މަޑު ނަގަން ކަމަށް އެމަނިކުފާނު ވިދާޅުވުމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ރިޔާޒު އެކަމަށް ރައްދުދެއްވައިފިއެވެ.
ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ނ. ހެނބަދޫއަށް ވަޑައިގެން ރައްޔިތުނާއި މުޚާތަބު ކުރައްވާ ރައީސް ޔަމީން ވިދާޅުވީ، ފެއްސާއި ރަތާއި ހުދު ހިފައިގެން ޤައުމީ ކަންކަމުގައި ވާހަކަ ދެއްކުމަށް އެމަނިކުފާނާއި ހަމައަށް ގޮސްފިނަމަ، އެމަނިކުފާނުގެ ކަންފަތްޕުޅު ވަރަށް ތޫނު ވާނެ ކަމަށެވެ. ނަމަވެސް، ވަކި ތަނެއްގައި މުޒާހަރާ ނުކުރެވިގެން، ނުވަތަ ވަކި މީހަކު ބަންދުގައި ހުރެގެން، އެވާހަކަ ހިފައިގެން ރައީސް ޔާމީނާއި ހަމައަށް ގޮސްފިނަމަ، އެ ބަޔަކަށް ޖެހޭނީ ވަރަށް ފުނާ ޖެހެންދެން އެމަނިކުފާނުގެ ކަންފަތްޕުޅުން މަޑު ނަގަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުތަކާއި ހިލާފަށް ފަނޑިޔާރުގެއަށް ނުފޫޒުފޯރުވައިގެން ސިޔާސީ ބޭފުޅުން ބަންދު ކުރުމުން އެވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އަޑުނޭހުމުގެ އަދަބު ރައްޔިތުންގެ މަންދޫބުން މިހާރުވެސް ރައީސް ޔާމީނަން ދީފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
Qānōn thakā khilāfah adhi fandiyārugeyah nufōz foaruvaigen siyāsē vādhaverin bandhukurumun evāhaka dhahkāne! Rayyithunge aduneynumuge adhabu rayyithunge mandhōbun mihāruves vanē manikufānah dhēfa. Adhi 2018 inthikhābuga rayyithunves adhabudheyne! Kanfathun madunangavā sāfkurahvā! https://t.co/QOlhv11C5c
— Abdulla Riyaz MP (@riyazabdulla) December 25, 2017
އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ރައްޔިތުން އަދަބު ދޭނެ ކަން ފާހަގަ ކުރައްވަމުން ރިޔާޒު ވަނީ ރައީސް ޔާމީންގެ ކަންފަތްޕުޅުން މަޑުނެންގެވުމަށް އިލްތިމާސް ކުރައްވައިފައެވެ.
"2018ގެ އިންތިހާބުގައި ރައްޔިތުން ވެސް އަދަބު ދޭނެ، ކަންފަތުން މަޑު ނަންގަވާ ސާފުކުރައްވާ،" ރިޔާޒު ވިދާޅުވި އެވެ.