ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 10:52
މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރު
މުހައްމަދު ޝަރުހާން
ބޯޓެއްގެ ކެރޭނު ހަލާކުވުން
ބޯޓެއްގެ ކެރޭނު ހަލާކުވެގެން މުދާ ހުސްނުކޮށް ފުރައިފި
ބޯޓް ބަނދަރުކުރީ ޑިސެމްބަރު 21 ގައި
ދެބައިކުޅަ އެއްބައި މުދާ ހުސްނުކުރެވޭ
އަލުން މުދާ ގެނެވޭނެ ދުވަހެއް ނޭނގޭ

ރާއްޖެ އައި ކޮންޓެއިނާ ބޯޓެއްގެ ކެރޭނު ހަލާކުވެގެން މުދާ ހުސްނުކޮށް އެ ބޯޓު އާދީއްތަ ދުވަހުގެ ރޭ ފުރައިފިއެވެ.

ޑިސެމްބަރު 21 ވަނަ ދުވަހު މާލޭގައި ބަނދަރުކުރި "އެމްވީ.މިއާމީ ޓްރޭޑާސް" ގެ ކެރޭނުގައި ކޮންޓޭނަރެއް ޖެހި ހަލާކުވީ، ޑިސެމްބަރު 22 ވަނަ ދުވަހު މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ގާތްގަނޑަކަށް 25،000 ޓަނުގެ މުދާ އުފުލޭ މި ބޯޓްގެ ކެރޭނު ހަލާކުވިއިރު، ހުސްކުރެވިފައި ހުރީ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި ކޮންޓެއިނަރު ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި މޯލްޑިސް ޕޯސްޓްސް ލިމިޓެޑްގެ އޮފިޝަލު ވިދާޅުވިއެވެ.

"ކޮންޓެއިނަރު ޖެހުމުގެ ސަބަބުން ކެރޭގައި ހުރީ ބާގަނޑެއް ވެސް އަޅާފައި. އެކަން މިކޮޅުން ހައްލުނުކުރެވިގެން ލަންކާއިން މީހަކު ގެންނަން ފުރަތަމަ އުޅުނީ. ނަމަވެސް އެ މީހާ އަށް ވެސް ނާދެވިގެން ބޯޓް ފުރަންޖެހުނީ،" އޭނާ ވިދާޅުވިއެވެ.

މި ބޯޓްގައި ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުގެ މުދާ އެބަ ހުއްޓެވެ. އެހެންވެ، މުދާ ނުބާލައި އަނބުރާ ބޯޓް ދާންޖެހުމުން ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބައެއް ކުންފުނިތަކުން ބުންޏެވެ.

ހޯލް ސޭލް ވިޔަފާރުކުރާ ކުންފުންޏެއްގެ އޮފިޝަލަކު، ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ވެސް ދެ ކޮންޓެއިނަރު "އެމްވީ.މިއާމީ ޓްރޭޑާސް" ގައި އެބަ ހުއްޓެވެ. އެ ބޯޓްގެ ކެރޭނު މަރާމާތުކުރުމަށް ދިޔައީ ސްރީ ލަންކާއަށް ކަމަށް ބޯޓްގެ އެޖެންޓް މައުލޫމާތު ދީފައިވާ ކަމަށާއި އެ ބޯޓްގައި ހުރި މުދާ އަލުން މާލެ ގެނެވޭނެ ދުވަހެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް