ސަރުކާރު ޒިންމާދާރުކުރުވުމަށް އިދިކޮޅު ފަރާތްތަކުން އޮއްޓަރު ހުރި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނާޒިމްގެ އުފަން ރަށް، ޅ. ހިންނަވަރުގެ ބޯފެނުގެ ނިޒާމު ރަސްމީކޮށް ފައްޓަވައި ދެއްވުމަށް އާދިއްތަ ދުވަހު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސަކީ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނުވަތަ ޕާޓީތަކެއް އޮތުން ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތުމުން ހިތާމަކުރައްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުވުމަށް އިދިކޮޅު ޕާޓީތަކުން އޮއްޓަރު ހުރި އެއްވެސް ވާހަކައެއް ދައްކާތަން ނުފެންނަ ކަމަށެވެ. އަދި، ސަރުކާރު ޒިންމާދާރުކުރުވުމަށް މަސައްކަތް ކުރަމުންދާތަން ވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން ބްރިޖު އަޅުއްވައި ދެއްވީމައި، އިދިކޮޅު ފަރާތްތައް ޒިންމާދާރު ނަމަ ކުރަންޖެހޭ ކަމަކީ، ބްރިޖު ބޭނުންކުރެވޭނެ ރަނގަޅު ގޮތްތަކެއް ނުވަތަ ބްރިޖުގެ ބޭނުން ހިފޭނެ ފައިދާ ކުރާނެ އެހެން ގޮތްތަކެއް ރައްޔިތުންނަށް ކިޔައިދިނުން، އެކަމެއް ނުކުރޭ،" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ނާޒިމް ވިދާޅުވީ ކުރިން ހިންނަވަރަކީ އެމްޑީޕީއަށް ތާއީދުކުރާ ރައްޔިތުންތަކެއް ދިރިއުޅެމުން ދިޔަ ރަށެއް ކަމަށާއި އެހެންނަމަވެސް، އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގައި ހިންނަވަރާ މެދު އިހުމާލުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިރެއްގައި ރައްޔިތުންނަށް އޮޅުވާލެވުނަސް މިހާރު ރައްޔިތުންނަށް ހަގީގަތް އޮޅުވާނުލެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭން ކަމަށެވެ. ހިންނަވަރާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް މި ސަރުކާރުން ހައްލުކޮށް، ރައްޔިތުންނަށް ތަރައްގީ ހޯދައިދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.