ރައީސް އަބްދުﷲ ޔާމީނަކީ އަނިޔާވެރި ވެރިއެއް ނޫން ކަމަށާއި، ވައްކަން ކުރަން ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް އޭނާ ކައިރީ ވިދާޅުވެފައި ނުވާ ކަމަށް އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫގެ ބަނދަރު ހުޅުވުމަށް އާދީއްތަ ދުވަހު ހަވީރު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީންގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދައްކަވާއިރު، އޭނާ ކައިރީގައި ވައްކަން ކުރަން ވިދާޅުފެވައިވާ ނުވާ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީނަކީ 25 އަހަރުގެ ގާތް ރަހްމަތްތެރިއެއްކަން ފާހަގަކުރައްވަމުން ، ސިޔާމް ވިދާޅުވީ ރައީސް ޔާމީން ވައްކަން ކުރުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަފުޅު ވެސް ދައްކަވާފައި ނުވާ ކަމަށެވެ.
" މާތް ﷲ ގަންދީ ކުރާ ހުވައެއް މިއީ، ﷲ ދެނެވޮޑިގެންވާނެ އަޅުގަނޑު ކައިރީ ދުވަހަކު ވެސް އަދި މިހާ ހިސާބަށް ދިޔައިރުގައި، ﷲ ގަންދީ ހުވާކޮށްފައި ބުނާ ހުވާކުރުމެއް މިއީ، ދުވަހަކު ވެސް ނެތް އަޅުގަނޑު ކައިރީ ނުސީދާކޮށް ކަމެއް ކުރަން ބުނެފައެއް ، ވައްކަން ކުރަން ބުނެފައެއް، ވައްކަމަށް ހިތްވަރު ދޭ ވާހަކައެއް ބުނެފައެއް، ކޮރަޕްޝަންގެ ވާހަކައެއް ބުނެފައެއް، އަޅުގަނޑު ކައިރީގައި ގައިމުވެސް ނެތް، 25 އަހަރުވީ ރައްޓެއްސެއް އެއީ" ރައީސް ޔާމީން ބައިވެރިވަޑައިގެންނެވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރައީސް ޔާމީނާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކޮރަޕްޝަންގެ ވާހަކަ ދައްކަނީ، އަމިއްލަ އެދުމެއް އޮވެގެން ކަމަށެވެ. އަދި ރައީސް ޔާމީނާއި ގުޅޭގޮތުން ކޮރަޕްޝަންގެ ވާހަކަ ދައްކަވަނީ ރައީސް ޔާމީނަން ހަސަދަވެރިވާތީ ކަމަށް ސިޔާމް ވިދާޅުވިއެވެ.
" ރައީސް ޔާމީނާއި ގުޅޭގޮތުން މި ދެކެވޭ ވާހަކަތަކަކީ އަމިއްލަ އެދުމާއި، އަމިއްލަ ކަންތައްތަކެއް އޮވެގެން ބަޔަކު މީހުން ހަސަދަވެރިކަމެއް އޮވެގެން ދައްކާ ވާހަކަތަކެއް ކަމަށް" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންނަށް އިހްލާސްތެރިއެއް ކަމަށާއި އަމިއްލަ އެދުމެއް ނެތް ބޭފުޅެއް ކަމަށެވެ.