ނ މާފަރުގައި ހަދާ އެއަރޕޯޓް ހަދައިދިނުމަށް ޔޫއޭއީ އިން އެއްބަސްވީ އެމަނިކުފާނާއި ޔޫއޭއީގެ ޝާހީ ޢާއިލާއާއި ދެމެދު އުފެދުނު ނުރަސްމީ އަމިއްލަ ގުޅުމެއްގެ ތެރެއިން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔޫއޭއީއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ނ އަތޮޅު ވެލިދޫ ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެބޭފުޅުންނާއި ގުޅުން ބަދަހިވީ ޝާހީ އައިލާގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ކަމަށެވެ. އަދި އެބޭފުޅުން ބައްދަލު ކުރައްވަން އެދިވަޑައިގަތުމުން އެބޭފުޅުންނާއި ނުރަސްމީކޮށް ބައްދަލު ކުރެއްވި ކަމަށާއި، އެބޭފުޅުންނަކީ ލިޔެކިޔުމުގެ ބަދަލުގައި ބަހުގެ އިތުބާރަށް މަސައްކަތް ކުރައްވާ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިންވެސް އެބޭފުޅުން ރާއްޖެއަށް ވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އެބޭފުޅުންނަކީ ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާ ބޭފުޅުން ނޫން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން މިމޭރުމުން ވާހަކަ ދެއްކެވުމުން ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން ރައީސް ޔާމީނާއި ގާތް ބަޔަކަށް ރާއްޖޭގެ ރަށްތައް ނުދެވޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ. އަދި މީގެ ކުރީގައި ރާއްޖެ ވަޑައިގަންނަވާ ޝާހީ އާއިލާތަކުގެ ބޭފުޅުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައްދަލުކުރައްވަނީ ރަސްމީ ހައިސިއްޔަތުންކަމަށާއި، ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކުރައްވަނީކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މާފަރު އެއަރޕޯޓް އަޅަން ޔޫއޭއީއަށް ދިނީ މާފަރުގައި އެއަރޕޯޓްއަޅަން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ޓްރެވަލްސް ޝިޔާމް)އަށް ދީފައި އޮއްވައެވެ. އަދި އޭގެ ކުރީގައި އެތަން ހަދަން ހަވާލުކޮށްފައިވަނީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ކުންފުންޏަކަށެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާފަރު އެއަރޕޯޓް ދޫކޮށްލައްވަން ސިޔާމް ނިންމެވީ ބަދަލު ނެންގެވުމެއް ނެތި ކަމަށެވެ، އަދި ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް ބަދަލު ނުހޯއްދަވާނެތޯ ރައީސް ޔާމީން ވަނީ ސިޔާމް އާއި ސުވާލު ކުރައްވާފައެވެ.