ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 11:57
ރައީސް ޔާމީން ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގެ ތެރެއިން
ރައީސް ޔާމީން ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގެ ތެރެއިން
ޓްވިޓަރ
ނ. މާފަރު އެއަރޕޯޓް
މާފަރުގައި އަޅަނީ ބައިނަލްއަގްވާމީ އެއާޕޯޓެއް، އަޅައިދެނީ ޔޫއޭއީ އިން: ރައީސް ޔާމީން
މާފަރު އެއާޕޯޓް ޔޫއޭއީއިން ތަރައްގީކުރާކަން ހާމަކުރިއިރު، ސަން ސިޔާމުގެ ކުންފުންޏާ ހަވާލުކޮށްފައި އޮތް މަޝްރޫއެއް
ހަމަސް ދުވަހުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމައި ހުޅުވުމަށް މަސައްކަތް ކުރަނީ
ަސަން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރި ކަމެއް ހާމައެއް ނުކުރޭ

ނ. މާފަރުގައި އަޅަނީ ބައިނަލްއަގްވާމީ އެއާޕޯޓެއް ކަމަށާއި އެ އެއާޕޯޓު އަޅައިދެނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ހެނބަދޫ ނަރުދަމާުގެ ނިޒާމުގެ މަސައްކަތް ފެށުމަށް އާދިއްތަ ދުވަހު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާފަރު އެއާޕޯޓަކީ އެކުވެރި އަރަބި އިމާރާތުން ނ. އަތޮޅުގެ ރައްޔިތުންނަށް ދޭ ހަދިޔާއެއް ކަމަށެވެ. އަދި ނ. އަތޮޅުގައި ބައެއް މަޝްރޫއުތައް ހިންގުމަށް އެގައުމުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ނ. މާޅެންދޫގައިވެސް މާފަރު އެއާޕޯޓާ ގުޅޭ ގޮތުން ރައީސް ޔާމީން ވާހަކަ ދެއްކެވި އެވެ. ރައީސް ޔާމީން ވިދާޅުވީ އެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން މަސައްކަތް ކުރަމުންދަނީ ހަމަސް ދުވަހުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމައި، ޚިދުމަތް ފެށުމަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓުގައި ސިޓީ ހޮޓަލެއް ގާއިމްކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ. އެއާޕޯޓު ނިމުމުން އެތަނުގެ ތަނަވަސްކަން އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު އެއާޕޯޓާ ހަވާލުވެގެން އުޅޭ ފަރާތްތަކުން އަޅުގަނޑުމެންނަށް ކަށަވަރުކަންދީފައި އެ އޮތީ، މުޅި ތަނުގެ ބިން ސާފުކޮށް އެ ނިންމީ، އެމީހުންގެ ވެރިން ކޮށްފަ އޮތް އަމުރަކީ ހަ މަސް ދުވަހުގެ ތެރޭގައި އެއާޕޯޓް ނިންމައި ހުޅުވުން، އެހެންވީމަ ވަރަށް ބާރަށް އެ މަސައްކަތް ކުރިއަށް އެބަދޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔޫއޭއީއާ މާފަރު އެއާޕޯޓުގެ މަޝްރޫއު ހަވާލުކުރިއިރު، އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމުގެ ސަން ރިސޯޓްސް ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީއިން ސަން ރިސޯޓްސްއާއެކު ސޮއިކުރީ މިއަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު އެވެ. އެ އެއްބަސްވުން ބާތިލުކުރި ކަމަށް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

މާފަރު އެއާޕޯޓްގެ މަޝްރޫއު ސަން ރިސޯޓްސްއާ ހަވާލުކުރީ ކުރިން އެ މަޝްރޫއު ހަވާލުކޮށްފައި އޮތް، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު އިންވެސްޓްމަންޓު ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައި އޮތް އެއްބަސްވުން މިދިޔަ އަހަރުގެ ފެބްރުއަރީގައި އުވާލުމަށް ފަހު އެވެ. މިލޭނިއަމް ކެޕިޓަލްއަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އާއިލީ ބޭފުޅެއް ކަމުގައިވާ މ. ޝޫރާ މަންޒިލް ހާމިދު އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި، މާފަރު އެއާޕޯޓުގެ މަޝްރޫއަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 ޑިސެންބަރ 2017 | ހޯމަ 00:10
ތިއުޅެނީ
ތިއުޅެނީ ސަން ސިޔާމު ގެ އެޕިސޯޑޮ ނިމެން