ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިދުވަސްވަރު ކުރަމުންދަނީ، ދެ މޫސުން ބެދޭ ހިސާބުގެ ވިއްސާރަ ކަމަށާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. މިއީ މޫސުމީ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގައި ވެސް މެދުތެރޭގެ އަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
މިދުވަސްވަރު ކަނޑުދަތުރު ކުރުމުގައިވެސް މޫސުމަށް ސަމާލުވެ ދަތުރުތައް ރޭވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ. އަދި މެންދުރުފަހުން ފެށިގެން އުތުރު އަތޮޅުތަކަށްވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ނ އަތޮޅުން ފެށިގެން ތ އާދެމެދުގެ އަތޮޅުތަކަށް އިރުއުތުރުން ގަޑިއަކު 13 މޭލާ 20 މޭލާ ދެމެދުގެބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ވައިޖެހެމުންދާނީ ގަޑިއަކު 5 މޭލާ 15 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. އެންމެއުތުރު އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ވައިޖެހޭ އިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ގައިމީ އިދާރާއިން ލަފާކުރެ އެވެ.
މިދިޔަ ހަފްތާގައިވެސް ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައާ ގުޅިގެން ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައްވަނީ ހިނގާފަ އެވެ.