ވެރިން ކުރައްވާ މަސައްކަތުގައި ހިތްވަރުދީ، ވެރިންނަށް ނަސޭހަތް ދޭން ތިބީ ރައްޔިތުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ނ. މާޅެންދޫ ބަނދަރު ހުޅުއްވައި ދެއްވުމަށް ފަހު އާދިއްތަ ދުވަހު އެރަށުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިންނަށް މަސައްކަތްކުރުމަށް ހިތްވަރު ދޭންތިބީ ރައްޔިތުން ކަމަށާއި އަދި ވެރިން ރަނގަޅު މަގުގައި ހިނގުމަށް ނަސޭހަތްދޭން ތިބީ ރައްޔިތުން ކަމަށެވެ. ލިބޭ ނިއުމަތްތައް ދޫކޮށްލުމަށްފަހު އެހެން ދިމާލަކަށް ދިއުމުގެ ބާރު ޑިމޮކްރަސީއެއްގައި ލިބިފައިވަނީ ރައްޔިތުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން މިޖެހެނީ މިއިން ކޮންމެ ކަމެއްގައި ރައްޔިތަކު ކަމެއް ކުރާއިރު، ވޯޓެއް ދޭއިރު ކީއްވެގެންތޯ ދެ ފަހަރު ވިސްނާލަން ޖެހެނީ، ކީއްވެގެންތޯ ވޯޓް ފޮއްޓާ ހަމައަށް އަންނައިރު ﷲގެ ނިއުމަތަށް ޝުކުރުކުރުމާއެކު ސިކުނޑި ހިފައިގެން ވޯޓް ފޮއްޓާ ހަމައަށް އަންނަން ޖެހެނީ ކީއްވެގެންތޯ ވިސްނާލަން ޖެހެނީ މި ސަބަބަށްޓަކައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
މާފަރުގައި އެއާޕޯޓް އެޅުމުގެ ވާހަކަދެކެވޭތާ 10 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި މާފަރުގައި "ވަރަށް ރަނގަޅު، ވަރަށް ރީތި، ބޮޑު ބައިނަލްއަގްވާމީ" އެއާޕޯޓެއް ހުޅުވިގެންދާނެ ކަމަށެވެ. އެ އެއާޕޯޓާއެކު ފަތުރުވެރިކަމުގެ ފަސޭހަކަމާއި ތަނަވަސްކަން ނ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެއާޕޯޓާއެކު ހަމައެކަނި ހުޅުވިގެންދާނީ އިތުރު ރިސޯޓުތަކެއް އެކަންޏެއް ނޫނެވެ. މާޅެންދޫ ފަދަ ރަށްތަކުގައި ގެސްޓް ހައުސްތައް ހުޅުވި ރައްޔިތުންނަށް އެތައް ގޮތަކުން އެކަމުގެ ތަނަވަސްކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު އެއާޕޯޓާ ހަވާލުވެގެން އުޅޭ ފަރާތްތަކުން އަޅުގަނޑުމެންނަށް ކަށަވަރުކަންދީފައި އެ އޮތީ، މުޅި ތަނުގެ ބިން ސާފުކޮށް އެ ނިންމީ، އެމީހުންގެ ވެރިން ކޮށްފަ އޮތް އަމުރަކީ ހަ މަސް ދުވަހުގެ ތެރޭގައި އެއާޕޯޓް ނިންމައި ހުޅުވުން، އެހެންވީމަ ވަރަށް ބާރަށް އެ މަސައްކަތް ކުރިއަށް އެބަދޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ، ނިއުމަތްތަކަށް ޝުކުރުކޮށްގެން، އުންމީދުތައް ހާސިލުކުރަން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.