ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 13:23
އިންޑިޔާ ސަފީރު ގއ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރެއްވުން، މިކަމާ ގުޅިގެން ވަނީ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކުރެވިފައި
އިންޑިޔާ ސަފީރު ގއ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރެއްވުން، މިކަމާ ގުޅިގެން ވަނީ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކުރެވިފައި
ރާއްޖެ އެމްވީ
ޑިޕްލޮމެޓުންގެ މިނިވަންކަން
ޑިޕްލޮމެޓުންނަށް ރާއްޖޭގައި އެއްވެސް މިނިވަންކަމެއް ހަނިކުރެވިފައެއް ނުވާނެ: ތަރުޖަމާނު
ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު
ސަރުކާރުން ކަނޑައަޅާ އުސޫލުތަކަށް ޑިޕްލޮމެންޓުންވެސް ތަބާވަންޖެހޭ

ޑިޕްލޮމެޓުންގެ އުސޫލުތަކަށް އިހްތިރާމުކުރައްވާ ކަމަށާއި ޑިޕްލޮމެޓުންނަށް ރާއްޖޭގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސެއިން ޝިހާބު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަރވިއުއެއްގައި، ޝިހާބު މިހެން ވިދާޅުވެފައިވާ އިރު ސަރުކާރުން ސްރީ ލަންކާއަށް ކަނޑައަޅައިފައިވާ އެމްބެސިޑަރ މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ ހުރިހާ ޑިޕްލޮމެޓުންވެސް އެމީހަކު ހުންނަ ގައުމެއްގެ އުސޫލުތަކާއި ގަވައިދުތަކަށް ތަބާވަންޖެހޭނެ ކަމަށާއި އެންމެ ފަހުން ލޯކަލް ގަވާންމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން ކަނޑައަޅާފައިވާ އުސޫލަކީ އިންޑިއާގެ ސަފީރަށް އެކަނި ކަނޑައެޅި އުސޫލެއް ނޫން ކަމަށެވެ.  ރާއްޖޭގައި ދިރިއުޅުއްވާ ހުރިހާ ޑިޕްލޮމެޓުންވެސް މި އުސޫލުތަކަށް އިހްތިރާމުކުރައްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އިންޑިއާ ނޫސްތަކަށް މިގޮތަށް ޖަވާބުދެއްވާފައިވާއިރު އެލްޖީއޭއިން ގއ. އަތޮޅު ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަސީރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެލްޖީއޭއިން މިމަހުގެ 11 ވަނަ ދުވަހު ނެރެފައިވާ ސަރކިއުލަރއިން ބޭރުގެ ދައުލަތްތަކާއި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި އެފަރާތްތައް ތަމްސީލްކުރާ ފަރާތްތަކާ ލޯކަލް ކައުންސިލް ތަކުން ބައްދަލުކޮށް މުއާމަލާތުކުރުމުގެ އިޖުރާޢަތު ބަޔާންކޮށްފައިވަނިކޮށް، އެ އިޖުރާއަތުތަކާ ޚިލާފަށް ގއ. އަތޮޅު ކައުންސިލުން ހުއްދަ ހޯދުމަކާ ނުލައި ބޭރުގެ ސަފީރަކާ ބައްދަލުކޮށްފައިވާކަން، މައްސަލައާއި ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި އެލްޖީއޭއިން ސާފުކުރި މައުލޫމާތުތަކުން ކަށަވަރުވާ ކަމަށެވެ. އެހެންކަމުން ކައުންސިލްގެ އެއަމަލަކީ ކައުންސިލުން ކުރާ ޤާނޫނާ ޚިލާފް ޢަމަލްތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ (ކ) އާއި 6 ވަނަ މާއްދާގެ (ށ) އާ ޚިލާފު އަމަލެއް ކަމަށް ވާތީ އެކައުންސިލަރުންނާމެދު ފިޔަވަޅު އެޅުމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފައި ކަމަށެވެ.

ގއ އަތޮޅު ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ އެލްޖީއޭގެ ހުއްދަ ހޯދުމެއް ނެތި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލު ކުރެއްވި ކަމަށްބުނެ އެވެ. މިކަމާ ގުޅޭ ގޮތުން ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުވާދު ރާއްޖެ އެމްވީއަށް ވިދާޅުވީ އެކައުންސިލުން އިންޑިޔާ ސަފީރާއެކު ބައްދަލުވުން ބޭއްވީ އެލްޖީއޭގެ ސަރކިއުލާ އެކައުންސިލަށް ލިބުމުގެ ކުރިން މިމަހުގެ 11 ވަނަ ދުވަހުގެ 2:30 ގައި ކަމަށެވެ.

އިންޑިއާގެ މީޑިޔާތަކުގައި މިވާހަކަތައް ދެކެވެމުންދާއިރު އިނގިރޭސިވިލާތާއި ޖަރުމަންވިލާު އަދި އޮސްޓްރޭލިޔާގެ ސަފީރުންވަނީ ސަރުކާރުން މިގެނައި އުސޫލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެއީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް