ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދީނީ އަގީދާއާއި ދީނީ އެއްބައިވަންތަކަމުގެ މަތީގައި ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.
ނ. މާޅެންދޫ ބަނދަރު ހުޅުއްވައި ދެއްވުމަށް ބޭއްވި ހަފްލާފައި ވާހަކަ ދައްކަވަމުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަލީ މައުރޫފް ވިދާޅުވީ ރައީސް ޔާމީނަށް ތާއީދުކުރައްވަނީ ދީނީ އަގީދާ ކުރިއަރުވައި އިސްލާމްދީނުގެ ހައްގުގައި މަސައްކަތް ކުރައްވާތީ ކަމަށެވެ. އެގޮތުން، ފަލަސްތީނުގެ ހައްގުގައި ސަރުކާރުން ކޮށްދިން މަސައްކަތަށްޓަކައި އޭނާ ވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައީސް ޔާމީންގެ ސަރުކާރުން މިސްކިތްތައް ބިނާކުރަމުންދާ ކަމަށާއި، ބައިނަލްއަގްވާމީ ފެންވަރުގައިވެސް އިސްލާމްދީނުގެ ހައްގުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، ސިޔާސީ ހަޔާތުގައި ރައީސް ޔާމީނާއި، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްއާއެކު ނޫނީ އޭނާ ނުފެންނާނެ ކަމަށެވެ. އެ ދެ ބޭފުޅުންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަނީ ދީނުގެ ހައްގުގައި ކުރައްވާތީ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ އެހީގައި މާލޭގައި އަޅާ މިސްކިތަކީ އޭޝިއާ ބައްރުގައި ހެދޭ އެންމެ ނަލަ މިސްކިތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ މައުރޫފް ވިދާޅުވީ ޕީޕީއެމް-އެމްޑީއޭ ކޯލިޝަނުން މާޅެންދޫއަށް ވެފައިވާ ހުރިހާ ވައުދެއް ފުއްދާފައިވާ ކަމަށެވެ. އެގޮތުން، ނ. އަތޮޅުގެ ތަރައްގީއަށް ސަރުކާރުން މިހާތަނަށް 400 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުޅުވިގެންދާ އެންމެ ބޮޑު އެއް ޑޮމެސްޓިކް އެއަރޕޯޓް ކުރިއަށްއޮތް 10 މަސްދުވަހުގެ ތެރޭގައި ނ. އަތޮޅުގައި ހުޅުވިގެންދާނެ އެވެ. ބެލެވޭ ގޮތުގައި އަލީ މައުރޫފް އެ ވިދާޅުވި ނ. މާފަރުގައި ތަރައްގީ ކުރާ އެއާޕޯޓުގެ ވާހަކަ އެވެ. އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސަން ހޮޓަލްސް އެންޑް ރިސޯޓްސް ކުންފުންޏާއެވެ.