ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 09:22
ރައީސް ޔާމީން ރަށަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރައީސް ޔާމީން ރަށަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
މުހައްމަދު ފަޒީން
ރައީސް ޔާމީން
ތިން އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޔާމީން ފުރާވަޑައިގަންނަވައިފި
ނ. އަތޮޅަށާއި، ޅ. އަތޮޅާއި، ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް
ވެލިދޫ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް 200 ފޫޓަށް ކަޅުދާ ޖަހާފަ
ރައީސް މިރޭ މަޑުކުރައްވާނީ ރަންދެލި ރިސޯޓުގައި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫއަށް ވަޑައިގެން އެރަށުގެ ބަނދަރާއި މިސްކިތް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެއަތޮޅު ހެނބަދޫގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވުމަށާއި، އެއަތޮޅު ހޮޅުދޫގެ ބަނދަރު ހުޅުއްވައިދެއްވައި، އެ އަތޮޅު ވެލިދޫއަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވެލިދޫގައި 200 ފޫޓަށް ކަޅުދާ ދަމާފަ

ރައީސް ޔާމީން ވަޑައިގަންނަވާތީ ވެލިދޫ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. އެގޮތުން އެރަށު ބަނދަރުން ފެށިގެން 200 ފޫޓަށް ކަޅުދާ ވަނީ ދަމާފައެވެ. އަދި ގާތްގަނޑަށް 80 ފޫޓު 50 ފޫޓްގެ ބޮޑު ޓެންޓެއް އެރަށުގައި ވަނީ ޖަހާފަ އެވެ. އެ ގިޑިގޭގައި ހަ އެއާކޯން ވަނީ ބަހައްޓައިފަ އެވެ. 

ވެލިދޫގައި ޓެންޓް ރޭވުމުގެ މަސައްކަތްކުރީ އެރަށަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ގޮސްގެންނެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ރައީސް މިރޭ މަޑުކުރައްވާނީ ރަންދެލި ރިސޯޓުގައެވެ.

ރައީސްގެ މިދަތުރުފުޅުގައި ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެން ހިންނަވަރުގައި ގާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫއަށް ވަޑައިގެން ކެންދޫގެ ބަނދަރު ހުޅުވައިދެއްވުމަށާއި، އެރަށުގެ ބޯފެނުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެން، އެއަތޮޅު ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރެއްވުމަށް ބާއްވަވާ ރަސްމިއްޔަތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް