ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 05:29
ޤާނޫނީ ވަކީލް މަހްފޫޒް ސަޢީދު
ޤާނޫނީ ވަކީލް މަހްފޫޒް ސަޢީދު
ސިމާހާ ނަސީމް
މަހްފޫޒު ސައީދު
އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރަން ޖެހޭ، މިވާހަކަ ދެއްކުން ނުހުއްޓުވޭނެ: މަހްފޫޒް ސަޢީދު
އުއްތަމަ ފަނޑިޔާރު މަޤާމަށް ޢައްޔަންކުރެވުނީ ރަނގަޅަށްތޯ މަޖިލީހުން ރިވިއުކުރަން ޖެހޭ
މަޤާމު ދިފާޢުކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު ވާހަކަތައް ދައްކަވާ ކަމަށް ފެންނަނީ
"އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދަށް އަޅުގަނޑު މަހްފޫޒު ސަޢީދު މައިތިރިއެއް ނުކުރެވޭނެ"

މިހާރުން މިހާރަށް އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރަން ޖެހޭކަމަށް ޤާނޫނީ ވަކީލު މަޙްފޫޒް ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މަހްފޫޒް ވިދާޅުވީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަހުމަދު ފާއިޒް ހުސެއިން މަޤާމުން ވަކިކޮށް، އެމަޤާމަށް އަލްއުސްތާޛް އަބްދުﷲ ސަޢީދު ޢައްޔަންކުރެވިފައި ހުރީ ރަނގަޅަށްތޯ ރައްޔިތުންގެ މަޖިލީހުން ބަލަން ޖެހޭކަމަށެވެ. އަދި އެމައްސަލަ ރައްޔިތުންގެ މަޖިލީހުން ރިވިއުކުރަން ޖެހޭކަމަށް ޒުވާން ޤާނޫނީ ވަކީލު ވިދާޅުވިއެވެ.

މަހްފޫޒު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން އަބްދުﷲ ސަޢީދު ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގެން ވާހަކަފުޅު ދައްކަވަންވީ މަޖިލީހުން އެކަން ރިވިއުކުރުމަށްފަހުގައިކަމަށެވެ.

ހޮނިހިރު ދުވަހުގެރޭ މެމްބަރު އިމްތިޔާޒް ފަހުމީ (ކ) އާއިއެކު މަހްފޫޒު (ވ) ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހުފޫޒުވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީނަށް ތަޢުރީފުކުރައްވައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މިހާރު މިފެންނަ މަންޒަރަކީ ހަޤީގަތުގައި އުއްތަމަ ފަނޑިޔާރުކަން ލިބިވަޑައިގެންފައި ވަނީ އެއީ އެކަށީގެންވާ ހަމަތަކަކުގެ މަތިން ނޫންކަމަށް ވީމަ، ދެން ކޮންމެ ގޮތެއް ހަދާފަވެސް މިއޮތީ މަޤާމު ދިފާޢުކުރުން. އެހެންވީމައި މަޤާމު ދިފާޢުކުރުމުގެ ގޮތުން ދައްކަވާ ވާހަކަތައްކަމަށް ފެންނަނީ"، މަހުފޫޒު ވިދާޅުވިއެވެ.

"އުއްތަމަ ފަނޑިޔާރު އެކުރެއްވިކަމަކީ ސިޔާސީ ބޭފުޅުންތަކެއް އެއްކުރައްވައިގެން އިންނަވައި، ފަނޑިޔާރުންގެ ޤާނޫންގެ 29ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަމްބަރާއި ކަނޑައެޅިގެން ޚިލާފްވީ. އެއީ އުއްތަމަ ފަނޑިޔާރުގެ މަޤާމާއި އެކަށީގެން ނުވާކަމެއް އެކުރެއްވީ. އެހެންވީމަ މި ގްރައުންޑްގައި ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް އެބަހުށަހަޅަން ޖެހޭ، ހުށަހަޅައިގެން އުއްތަމަ ފަނޑިޔާރު ވަކިކުރަން ޖެހޭ"

މިހާރުވެސް ސަސްޕެންޝަނެއްގައި ހުންނެވި، އަދި ޝަރީޢަތްތައް އަޑު އަހަންވެސް ވަނުން މަނާކޮށްފައިވާ ޤާނޫނީ ވަކީލް މަހްފޫޒް ވިދާޅުވީ އަބަދުވެސް އުއްތަމަ ފަނޑިޔާރުގެ ވާހަކަ ދައްކަވަމުން ގެންދަވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމަށް މައްސަލައެއް ކުރިމަތިވެފައިވާނަމަ، އެމައްސަލައަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ކަމުގައި ވާތީކަމަށެވެ. އަދި ޝަރުޢީ ނިޒާމްގައި ހުރި މައްސަލަތަކުގެ ވާހަކައާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ ވާހަކަ ދެއްކެވުން ނުހުއްޓަވާނެކަމަށް މަހްފޫޒު ވިދާޅުވިއެވެ.

"އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދަށް އަޅުގަނޑު މަހްފޫޒު ސަޢީދު މައިތިރިއެއް ނުކުރެވޭނެ. އުއްތަމަ ފަނޑިޔާރު މަޤާމުގައި ހުރިހާ ދުވަހަކު އަޅުގަނޑު ދާނީ އުއްތަމަ ފަނޑިޔާރު އެގޮތަށް ކަންތައްކުރައްވާކަމުގައި ވާނަމަ އެވާހަކަ ދައްކަމުން. އެވާހަކަ ދައްކާނެ އެންމެންވެސް"، މަހްފޫޒު ވިދާޅުވިއެވެ.

- ކޮމެންޓް