ރައީސް އަބްދުﷲ ޔާމީންގެ ދީނީ ސިޔާސަތަށް ތަޢުރީފުކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ވާހަކަ ދެއްކެވި ޖަލްސާއަކީ ސީދާ ކެމްޕޭން އިވެންޓެއްކަމަށާއި، އެތަނުގައި މަދުވަނީ ހަމައެކަނި 'ރައީސް ޔާމީން 2018' ބެނަރ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެރޭ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރާއްޖެއަށް އެހެން ދީންތައް ގެންނަން އުޅޭ ވާހަކަ އުއްތަމަ ފަނޑިޔާރު ދައްކަވައި ކަންބޮޑުވުން ފާޅުކުރައްވަނީ ކުރައްވާ ކަންތައް ސިއްރުކުރައްވަންކަމަށެވެ. ދިވެހިރާއްޖެއަކީ އެތައް ޒަމާންތަކެއް ވަންދެން އިސްލާމްދީން ޤަބޫލުކޮށްގެން ތިބި ބަޔަކު އުޅޭ ޤައުމެއް ކަމަށާއި، މިތަނަށް އެހެން ދީނެއް ގެންނަން ބަޔަކު ނޫޅޭކަމަށް އިންތި ވިދާޅުވިއެވެ.
"އެއީ ދިވެހިރާއްޖޭގެ ރައްޔިތުން ޤާނޫނުއަސާސީގައި ފާސްކޮށް ލިޔެފައިވާ އެއްޗެއް. އެތަކެއް ޤަރުނެއް ކުރިން މިރާއްޖޭގައި ޕްރެކްޓިސް ކުރަމުން އަންނަ ދީނެއްގެ ވާހަކަ. ބަހުސެއް އޮތް ކަމެއް ނޫން. ބަހުސެއް ނެތްކަމެއް ވާހަކަ މާބޮޑު ވާހަކަޔަކަށް ހަދައިގެން ކޮން ވާހަކައެއް ދައްކަވަންތޯ؟" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އުއްތަމަ ފަނޑިޔާރު ދައްކަވަން ޖެހޭ ވާހަކަޔަކީ މިރާއްޖޭގެ ރައްޔިތުންނަށް އަދުލު އިންސާފު ނުލިބޭ ވާހަކަ ކަމަށެވެ. އަދި މިވާހަކަޔަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެންމެން ޤަބޫލުކުރާ ކަމެއްކަމަށެވެ. އަދި އިސްލާމީ ދައުލަތެއްގެ އުއްތަމަ ފަނޑިޔާރު ދައްކަވަން ޖެހެނީ އެވާހަކަ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ މުސްލިމް ޤައުމެއްގައި އެންމެންނަށްވެސް އިންސާފު ލިބެން ޖެހޭކަމަށާއި، އެހެން ނަމަވެސް އިންސާފު ނުލިބިގެން މިރާއްޖޭގައި ރައްޔިތުން ރޮމުންދާކަމަށެވެ.