މ އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ އެސަރަހައްދުގެ ރަށްތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މޫސުން ގޯސްވެދާނެތީވެ ސަމާލު ވުމަށް އަންގައި އެސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހަވީރު 5:30 އިން ފެށިގެން މިރޭގެ 11:30އަށް ކަމަށެވެ.
މިވަގުތުތަކުގައި އެސަރަހައްދުގެ ރަށްތަކަށް ވައިގަދަވެ، ގަޑިއަކު 40 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލަރޓް ނެރުނުއިރު، ނިމިގެން ދިޔަ ހަފްތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވެއެވެ.
މާދަމާގެ ހެނދުނާއި ހަމަޔަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރުފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެންމެ އުތުރުގެ އަތޮޅުތަކަށް އިރުން ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 13 މޭލާ 23 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މިއީ އާއްމުކޮށް ހުރިހާ ހިސާބަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ މިންވަރު ނަމަވެސް، ވައިޓް އެލަރޓް ނެރެފައިވާ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވެސް ވައިގަދަވުން އެކަށީގެންވެއެވެ.
ދެކުނާއި އެންމެ އުތުރުގެ ކަނޑުތައް މަޑުވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.