ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލަ ބަލަމުންނުދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް ނަޝީދު އަވަހާރަ ކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލަ ހުށަހެޅިފައިނުވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލަމުންނުދާ ކަމަށެވެ.
މި މައްސަލަ ހުށަހެޅިފައިނުވާތީ ބަލަމުންނުދާ ކަމަށް ފުލުހުން ބުނާއިރު، މީގެކުރިން މިފަދަ ބައެއް މައްސަލަތައް ފުލުހުން އަމިއްލައަށް އިސްނަގައިގެން ތަހުގީގު ކޮށްފައިވެއެވެ.
އެގޮތުން، ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ހިތްވަރު ލިބޭގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ފުލުހެއްގެ މައްޗަށް ތަހުގީގު ހިންގައި، ދާދި ފަހުން ވަނީ ދައުވާ ކޮށްފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލާނެ ކަމަށް އިންޒާރުދީފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ. އެގޮތުން، ދެ ޓްވިޓަރ އެކައުންޓަކުން ރައީސް ނަޝީދަށް އިންޒާރުދީ ޓްވީޓްތަކެއް ކޮށްފައިވެއެވެ.
އެގޮތުން، އަބްދުﷲ އުޒައިރު އަހުމަދު ނަމަކަށް ކިޔާ އެކައުންޓަކުން ވަނީ ރައީސް ނަޝީދު "ކަތިލައި، ކުދިކުދިކޮށް ކޮށާލާނެ" ކަމަށް އިންޒާރުދީފައެވެ. މީގެ އިތުރުން، މުހައްމަދު މިއުޒަމް ކިޔާ އެކައުންޓަކުން ވަނީ، ރައީސް ނަޝީދު ހުންނެވި ތަނަކުން ހޯދައިގެން "މަރާނެ" ކަމަށް އިންޒާރު ދީފަ އެވެ.
މި ދެ ޓުވީޓުގައިވެސް އިންޒާރުދީފައިވަނީ، އިންޑިއާއިން ރާއްޖެއަށް "ގޮތެއް ހަދައިފިއްޔާ" ރައީސް ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އެވެ. މި ދެ ޓުވީޓުވެސް ކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލަ ތަހުގީގު ކުރުމަށް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.
މިފަދަ އިންޒާރުތަކެއް ރައީސް ނަޝީދަށް ދީފައިމިވަނީ، ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް މިމަހުގެ 26 ވަނަ ދުވަހު ސްރީ ލަންކާގައި ބާއްވަން ނިންމާފައިއޮތް ހަފްލާއެއްވެސް ކެންސަލްކޮށްފައިވަނިކޮށެވެ. އެ ހަފްލާ ކެންސަލް ކޮށްފައިވަނީ ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާފަދަ ހަމަލާއެއް ދީފާނެކަމުގެ ބިރު އޮތް ކަމަށް ބުނެ އެވެ.