ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 16:22
ދ. ރިނބުދޫ
ދ. ރިނބުދޫ
ގޫގްލް މެޕްސް
ދ. ރިނބުދޫ
އެހެން ރަށްރަށުގެ މީހުން ހުއްދަ ނެތި ރިނބުދޫ އަށް އެރުން މަނާ!
ރިނބުދޫގެ އާބާދީއަކީ 567 މީހުން
އެރަށަކީ ވަރަށް ސާފުތާހިރު ކަމަށް ލޯބިކުރާ ރައްޔިތުން ދިރިއުޅޭ ރަށެއް ކަމަށް ކައުންސިލުން ބުނޭ
ހުއްދަ ނުހޯދައި އެރަށަށް ދަތުރު ދާ ފަރާތްތަކާ މެދު ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައި

ދ. ރިނބުދޫ ކައުންސިލްގެ ހުއްދަ ނެތި އެހެން ރަށްރަށުގެ މީހުން އެރަށަށް އެރުން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ.

އެރަށު ކައުންސިލުން މިދިޔަ އަންގާރަދުވަހު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެރަށަށް އެހެން ރަށްރަށުގެ މީހުން ދަތުރު ދިއުން އިތުރުވެފައިވާ ކަމަށާއި ޒިޔާރަތްކުރާ ބައެއް މީހުންގެ ފަރާތުން ސާފުތާހިރު ކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެފައި ކަމަށެވެ. އެކަމުގެ ސަބަބުން ރަށުގައި ދިރިއުޅޭ މީހުންނަށް އެކި ކަހަލަ އުނދަގޫތައް ދިމާވެ އެކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެހެން ކަމުން އަންގާރަ ދުވަހުން ފެށިގެން ރަށުން ބޭރު މީހުން އެ ރަށަށް ޒިޔާރަތްކުރަންޖެހޭނީ ރަށުގެ މީހަކު ޒިންމާވާ ގޮތަށް އެ އިދާރާގެ ހުއްދަ ހޯދައިގެން ކަމަށް ރިނބުދޫ ކައުންސިލުން މިމަހުގެ 19 ވަނަ ދުވަހު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ. 

ހުއްދަ ނުހޯދައި އެރަށަށް "ދަތުރުދާ" ފަރާތްތަކާ މެދު ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ރިނބުދޫ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ނިޔާޒު ސޮއިކުރައްވައި އާންމުކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

ރިނބުދޫގެ އާބާދީއަކީ 567 މީހުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަހުމަދު ނިޔާޒު ވިދާޅުވީ އެރަށަކީ ވަރަށް ސާފުތާހިރު ކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި "ދަތުރު އަންނަ" ފަރާތްތަކުން އެރަށުގެ މޫދަށް ކުނިއަޅައި ހަޑިކުރަމުންދާ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. 

މީގެ އިތުރުން ބައެއް ފަރާތްތަކުން ހުއްދަ ނުހޯދައި ގޭގެއަށް ވަދެ ގޭގޭގެ ގޯތިތެރޭގައި ހުންނަ ގަސްތަކަށް ގެއްލުންދީ ހަދާތީ އެކަމުގެ ޝަކުވާ ވެސް ބޮޑުވެފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެހެން ކަމުން އެރަށަށް އެރޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށް އަލީ ނިޔާޒު ރާއްޖެއެމްވީއަށް ވިދާޅުވިއެވެ.

ކައުންސިލުން މިގޮތަށް ނިންމި ނަމަވެސް ކޯޓު އަމުރަކުން މަނާނުކުރާހާ ހިނދަކު މީހުން ދިރިއުޅޭ ރަށްތަކަށް ހުއްދައެއް ނެތި ޒިޔާރަތްކުރުމުގެ ހައްގު ގާނޫނުއަސާސީން ކޮންމެ ދިވެއްސަކަށް ވެސް ލިބިދެއެވެ. ރިނބުދޫ ކައުންސިލްގެ މި އިއުލާނު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު ގިނަ ބަޔަކު ދަނީ މި ކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން މިއީ ކުރީ ޒަމާނުގައި މާލެ އެރުމަށް ކުޑަސިޓީ ބޭނުންވާ އުސޫލުގެ ޒަމާން ނޫން ކަމަށާއި އެއީ ގާނޫނާ ޚިލާފް ބާތިލް އިއުލާނެއް ކަމަށް ބުނެ ފާޑުކިޔާފައި ވެއެވެ. އަދި ރަށް ހަޑިވާ ނަމަ މަގުމައްޗަށް ކުނި އެޅުމުން ދޭނެ އަދަބުތައް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގާ ނަމަ އެކަމަށް ވެސް އަދަބުތައް ކަނޑައަޅާފައި ވުމުން އެފަދަ ކަންކަމުން ރައްކާތެރިވުމަށް ރަށަށް އެރުން މަނާކުރުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 38 މިނެޓު ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
22 ޑިސެންބަރ 2017 | ހުކުރު 13:10
ޢާމިރު
ތީ އެއްވެސް ދިވެއްސަކު ޤަބޫލް ކުރާނެ އުސޫލެއް ހަމަޔެއް ނޫން...ދިވެއްސަކު ދިވެހިން ދިރިއުޅޭ ރަށަކަށް އަރާކަށް ނަގަންޖެހޭ ހުއްދައެއް އިވެގެން ނުވާނެ..ތީ ހެޓިލަރުގެ އުސޫލް..ތީ ކޮން ރަށެއް ބޮޑާވާން..މާލެ އަރާކައްވެސް ހުއްދަ ހޯދާކަން ނުޖެހޭ އިރު..
22 ޑިސެންބަރ 2017 | ހުކުރު 13:05
މުހަންމަދު
އެއްވެސްހުއްދައެއްނުހޯދަ ތިޔަ ރަށަން އަރާނެން އެއްކަމެންވެސްނުކުރެވޭނެ މަނާކޮއްގެންބަލަންތިބެ