ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 10:58
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އަޒުމޫން އަހުމަދު
އުްްތަމަ ފަނޑިޔާރު
ދިވެހިރާއްޖެ އަށް ބާތިލް އަގީދާތައް ގެނައުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އެބަ މަސައްކަތް ކުރޭ: އުއްތަމަ ފަނޑިޔާރު
އިސްލާމް ދީން ނޫން އެހެން ދީންތައް ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރަނީ ދިވެހި ދައުލަތުގެ މިނިވަންކަން ނަގާލުމަށް
އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރަން ރައީސް ޔާމީންގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރޭ
އިސްލާމްދީން ނޫން އެހެން ދީންތައް ގެނައުމަށް ހުޅުވޭ ދޮރުތައް ރައީސް ޔާމީންގެ ސަރުކާރުން ދަނީ ބަންދު ކުރަމުން

އިސްލާމްދީން ނޫން އެހެން ބާތިލް އަގީދާތައް ދިވެހިރާއްޖެ އަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދިވެހިންގެ ތެރެއިން މަދު ބަޔަކު އެކަމުގައި ހިމެނޭ ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ. 

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެފަދަ ބާތިލު އަގީދާތައް ގެނައުމަށް ގޮވާލަމުން ދަނީ ދިވެހި ދައުލަތުގެ މިނިވަންކަން ގެއްލުވާލަން ކަމަށެވެ. އަދި އިސްލާމް ދީން ނޫން އެހެން ބާތިލް އަގީދާތައް ރާއްޖެ އަށް ގެނެސް، އިންސާނީ ހައްގުތަކުގެ ނަމުގައި ހިތުހުރި ގޮތަކަށް އުޅުމަށް ގޮވާލާ ކުރަމުންދާ މަސައްކަތުގައި ދިވެހިންގެ މަދު ބަޔަކު ހިމެނޭކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ހިތުހުރި އަގީދާއަކަށް އުޅުމުގެ މިނިވަންކަމަށް ގޮވާލެވޭ އަޑުތައް އަޅުގަނޑުމެންނަށް އިވޭ. މިފަދަ ގޮތްގޮތައް ދިވެހި ދައުލަތައް ނުފޫޒުތައް ފޯރުވުމުގެ މަގްސަދަކީ ދިވެހިރާއްޖެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ދިވެހިންގެ އަމިއްލަ ދައުލަތެއްގެ ގޮތުގައި އޮތުމަށް ހުރަސް އެޅުން. އަދި މިފަދަ މަސައްކަތްތަކުގައި އަޅުގަނޑުމެން ދިވެހިންގެ ތެރެއަށް އުފަން ދިވެހިން މަދުން ނަމަވެސް ހިމެނޭ ކަމީ ހިތާމަހުރި ކަމެއް،" ސައީދު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިސްލާމް ދީނާ މެދު މީހުންގެ ހިތްތަކުގައި ނުރުހުން އުފެއްދު މާތްﷲ އިންސާނުން އުޅުމަށް އަންގަވާ އަމުރުކޮށްފައިވާ ގޮތްތަކާ ހިލާފަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުން ކުރަމުންދާ މަސައްކަތްތަކަކީ ދިވެހި ދައުލަތުގެ މިނިވަންކަން ނަގާލުމުގެ މަގުސަދުގައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ. 

އެމަނިކުފާން ވިދާޅުވީ އިސްލާމް ދީނާ މެދު މީހުންގެ ހިތްތަކުގައި ނުރުހުން އުފެއްދުމަށްޓަކައި އިސްލާމް ދީނާ ޓެރަރިޒަމާއި ގުޅުވައިގެން އެކިއެކި ވާހަކަތައް ދެއްކުން އާންމުވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން ހިގަމުން ދަނީ މަސްލިމުނެގެ ތެރެއިން މަދު ބައެއްގެ އަމަލުތައް ބަހައްޓާ ގޮތުގެ ސަބަބުން ކަމަށެވެ. ނަމަވެސް ހަގީގަތަކީ އިސްލާމް ދީނަކީ ޓެރަރިޒަމާއި ހަރުކަށިކަމާއި ހައްދުފަހަނައަޅައިދިއުން ފަދަ އިންސާނިއްޔަތަކަށް ގެއްލުންހުރި އެންމެހާ ކަންތައްތަކަށް ނޫނެކޭ ބުނާ ދީން ކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. 

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދިވެހި ގައުމުން އިސްލާމްދީނުގެ އަލިކަން ފޮހެވިގެން ދިޔަ ނުދީ ދިވެހި ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރުމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަަމަށެވެ. 

"ދިވެހި ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރެއްވުމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އަޅުގަނޑު ފާހަގަ ކުރަން. އެގޮތުން ކިޔަވާ ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އާލާ ކުރުމަށްޓަކައި ސްކޫލު ތަކުގައި ދީން ކިޔަވާދިނުން ހަރުދަނާ ކުރުމާއި މަތީ ތައުލީމްގެ ދާއިރާއިން އިސްލާމީ ތައުލީމް ހަރުދަނާ ކުރުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީއެއް އުފެއްދެވިކަން ޝުކުރުވެެރިކަމާއި އެކު ފާހަގަކުރަން،" ސައީދު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިސްލާމީ ތަރިކަ އާއި ވަހުދަތު ރައްކާތެރިކުރުމަށް މި ސަރުކާރުން "ތަރިކަ"ގެ ނަމުގައި ފަށާފައިވާ މަޝްރޫއަކީ ވެސް މުހިއްމު ޕްރޮގްރާމެއް ކަަމެށެވެ. އަދި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތާއި އިސްލާމްދީނަށް ހުރަސްއެޅޭނޭ އެއްވެސް ދޮރެއް ހުޅުވިގެން ދިޔަ ނުދިނުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 39 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ޑިސެންބަރ 2017 | ހުކުރު 11:58
މަހި
އެހެންވެދޯ ޗައިނާ އާ ތިގުޅުން ބަހައްޓަނީ އެތާ ނަމާދު ކުރުން މަނާ ރޯދަ ހިފުން މަނާ ދިވެހިން މި ތިބޭ ހޭލާ