ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 16:19
އެމްއެމްސީގެ ބައްދަލުވުމެއްގެ ތެރެއިން
އެމްއެމްސީގެ ބައްދަލުވުމެއްގެ ތެރެއިން
އެމްއެމްސީ
މޯލްޑިވްސް މީޑިއާ ކައުންސިލް
ޚާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ލިޔުންތައް ޝާއިއުކުރާ ފަރާތްތަކުގެ މައްސަލަ ބަލަނީ
މިފަދަ ކޮންޓެންޓްތައް ޝާއިއުކުރުމަކީ ގައުމީ ސަލާމަތަށާއި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހީނަރުވެގެން ހިނގައިދާނެ ކަމެއް

ދިވެހިރާއްޖެއިން ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ލިޔުންތައް ޝާއިއުކުރާ ފަރާތްތަކުގެ މައްސަލަ ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.

އެމްއެމްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއާ ގުޅުން ގާއިމުކޮށްފައިވާ ބައެއް ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ހިނގައިދާނެ ކޮންޓެންޓްތައް، އޮންލައިން މީޑިއާތަކުން ޝާއިއު ކުރަމުންދާކަމުގެ ޝާކުވާތައް އެ ކައުންސިލަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކާއި އެހެނިހެން މައްސަލަތައް ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އެ ކައުންސިލުން ބަލަމުންދާނެ ކަމަށް މި ބަޔާނުގައިވެއެވެ.

އެ ކައުންސިލުން ބުނީ މިފަދަ ކޮންޓެންޓްތައް ޝާއިއުކުރުމަކީ ގައުމީ ސަލާމަތަށާއި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހީނަރުވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓް ފެތުރުމަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށާއި މިފަދަ ޚިޔާލުތައް މީޑިއާގައި ހާމަކޮށްގެން ލިބިދާނެ ގެއްލުމަކުން މީޑިއާއާއި ރިޕޯޓަރުން ސަލާމަތް ކުރުމަށްޓަކައި ހޭލުންތެރިކުރުވުމަކީ ވެސް އެ ކައުންސިލްގެ ޒިންމާއަކަށްވުމާއެކު އެ ކައުންސިލުން ވަނީ މިކަންކަމާމެދު މީޑިއާތަކުން ފަރުވާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

އެ ކައުންސިލުން ވަނީ ގާނޫނުގައި ހިޔާލްފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ހާލަތްތަކުގެ ތެރެއަށް މީޑިއާތަކުން ނުވަނުމަށާއި، ރާއްޖެއާ ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކާއި މެދު އޮންނަ ގުޅުން ހީނަރުވާފަދަ ކޮންޓެންޓް ޝާއިއު ނުކުރުމަށާއި، އެފަދަ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް  އިލްތިމާސް ކޮށްފައެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 34 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް