ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 13:33
ދިވެހިރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފަ ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު
ދިވެހިރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފަ ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު
ހާރިޖީ ވުޒާރާ
ގުދުސްގެ މައްސަލަ
އެމެރިކާގެ އިންޒާރަށް ބެލުމެއް ނެތި ގުދުސްގެ ގަރާރު ދިވެހިރާއްޖެ އިން ކޯ-ސްޕޮންސަރކޮށްފި
އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ
ގުދުސްގެ ހާލަތަށް ބަދަލެއް ގެނައުމަށް އަޅާ ކޮންމެ ފިޔަވަޅަކީ ބާތިލް ފިޔަވަޅެއް
މިގަރާރާ އެއްކޮޅަށް ވޯޓު ދޭ ގައުމުތަކަށް އެހީ ކަނޑާލާނެ ކަމުގެ އިންޒާރު އެމެރިކާ އިން ވަނީ ދީފައި

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތުމާ ދެކޮޅަށް އދ. ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރު ދިވެހިރާއްޖެ އިން ކޯ-ސްޕޮންސަރ ކޮށްފިއެވެ.

ދިވެހިރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ގުދުސްގެ މައްސަލައިގައި އދ. ގެ އާއްމު މަޖިލީހުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އަށް ހުށަހަޅާ ގަރާރު ދިވެހިރާއްޖެ އިން ކޯ-ސްޕޮންސަރ ކޮށްފައިވާ ކަމަށާއި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އަދި ގުދުސްގެ ހާލަތަށް ބަދަލެއް ގެނައުމަށް އަޅާ ކޮންމެ ފިޔަވަޅަކީ ބާތިލް ފިޔަވަޅެއްގެ ގޮތުގައި ބަލައިގަތުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުމަށް ބާއްވާ އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި، ދިވެހިރާއްޖެ އިން ހުށަހަޅާ ބަޔާނުގައި އެކަން ތަކުރާރު ކުރައްވާނެ ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ.

ގުދުސްގެ މައްސަލާގައި އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރު ދިވެހިރާއްޖެ އިން ކޯ-ސްޕޮންސަރ ކޮށްފައިވަނީ، ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގެ އާއްމު މަޖިލީހުގައި ނަގާ ވޯޓުގައި އެމެރިކާއާ ދެކޮޅަށް ވޯޓުދޭ ގައުމުތަކަށް އެހީ ކަނޑާލާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފައިވަނިކޮށެވެ.

އިސްރާއީލްގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާއިން ބަލައިގަތްގަތުމާ ދެކޮޅަށް އދ. ގެ އާއްމު މަޖިލީހުގައި ގަރާރެއް ފާސްކުރުމަށް އިސް ނެގީ ތުރުކީ އިންނެވެ.

ގުދުސްގެ މައްސަލައިގައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ވޯޓަށް އެހުމުގެ ކުރިން ވެސް ތުރުކީއިން ވަނީ އެ ގަރާރު އެމެރިކާއިން ވީޓޯ ކުރާނެކަން ކަށަވަރުވާ ކަމަށް ބުނެ އާއްމު މަޖިލީހަށް ގަރާރެއް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

އެ ގަރާރަކީ "ހުރުމަތްތެރިވެގެންވާ ގުދުސްގައި އެއްވެސް ގައުމަކުން ޑިޕްލޮމެޓިކް މިޝަނެއް ގާއިމް ނުކުރުމަށް" ގޮވާލާފައިވާ ގަރާރެކެވެ.

އދ. ގެ އެންމެ އިސް އެއް ގުނަން ކަމަށްވާ ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯކުރުމުގެ ބާރު އޮންނަ ދާއިމީ ފަސް ގައުމުގެ ތެރެއިން އެއް ގައުމަކީ އެމެރިކާއެވެ.

އެމެރިކާގެ ޒަމާންވީ ސިޔާސަތު ދޫކޮށްލައްވައި އަދި ބައިނަލްއަޤްވާމީ މުޖުތަމައުން އަބަދުވެސް ގަބޫލުކުރަމުން އަންނަ ހަމަތަކާ ޚިލާފަށް ގުދުސްއަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައި ވަނީ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.

ތުރުކީ އިން އާއްމު މަޖިލީހަށް ހުށަހަޅާފައި ވަނީ އދ. އިން މީގެ ކުރިން ފާސްކޮށްފައިވާ ގަރާރެއް ކަމަށްވާ 377-އޭ ނުވަތަ އާއްމުކޮށް ކިޔާ ގޮތުން ނަމަ "ޔުނައިޓިންގް ފޯރ ޕީސް"ގެ ދަށުން ހުށަހަޅާ ގަރާރެކެވެ.

އދ. އިން 1950 ވަނަ އަހަރު ފާސްކުރި، މި ގަރާރަކީ ސަލާމަތީ މަޖިލީހުގެ އެންމެ އަސާސީ ޒިންމާ ކަމަށްވާ ސުލްހަ އާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އެ ކައުންސިލް ނުކުޅެދިއްޖެ ނަމަ އާއްމު މަޖިލީހުން އެ ކަމާ މެދު ގޮތެއް ނިންމުމާ ބެހޭ ގަރާރެވެ.

އާއްމު މަޖިލީހުގައި މި ގަރާރު ފާސް ވާނީ އެންމެ މަދުވެގެން ތިން ބައިކުޅަ ދެބައި މެމްބަރުންގެ ވޯޓް ލިބިގެންނެވެ. ތުރުކީގެ ފޮރިން މިނިސްޓްރީ އިން ވާހަކަދެއްކެވި ފަރާތުން ވިދާޅުވީ އެ އަދަދަށް ވޯޓް ހަމަކުރެވިފައިވާ ކަމަށާއި ނަމަވެސް ތުރުކީ އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނު މަސައްކަތްކުރަމުން ދަނީ އެ އަދަދު އިތުރުކުރުމަށް ކަމަށެވެ.

ފަލަސްތީނުން އދއަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ރިޔާދް މަންސޫރު ވިދާޅުވީ އެ ގަރާރަށް ފުރިހަމައަށް ތާއީދު ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. ނަމަވެސް އެމެރިކާގެ މަންދޫބު ނިކީ ހޭލީ އަންގާރަދުވަހު މެމްބަރު ގައުމުތަކުގެ ބައެއް މަންދޫބުންނަށް ފޮނުއްވި ސިޓީފުޅެއްގައިވަނީ އެމެރިކާއާއި ރައީސް ޓްރަމްޕް މި ވޯޓް ނަންގަވަނީ ވަރަށް ބޮޑަށް އަމިއްލަފުޅުކަމެއްގެ ގޮތުގައިކަން ކަން އަންގަވައި ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 31 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް