ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 14:30
ސްކޮލަޝިޕް އިފްތިތާހު ކުުރމުގެ ރަސްމީއްޔާތުގެ ތެރެއިން
ސްކޮލަޝިޕް އިފްތިތާހު ކުުރމުގެ ރަސްމީއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ސްކޮލަޝިޕްގެ ފުރުސަތު
2050 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
ތަފާތުއެކި ދާއިރާތަކުން 3387 މީހުން ވަނީ ތަމްރީން ކުރެވިފައި
ފާއިތުވި ހަތަރު އަހަރު ތެރޭގައި 5200 އަށް ވުރެ ގިނަ ތަޢުލީމުގެ ފުރުސަތު ދީފައިވާ ކަމަށް ސަރުކާރުން ބުނޭ

"ޕްރޮމޯޓިން ސްކިލްސް ފޯރ ދަ ފީޗާ" ގެ ނަމުގައި 2050 ސްކޮލަޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ. 

"ޕްރޮމޯޓިން ސްކިލްސް ފޯރ ދަ ފިއުޗާ"ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓުން ކިޔެވުމަށް ދޫކުރަން ނިންމާފައިވާ ސްކޮލާޝިޕް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމެވެ. 

ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާއާ ހަމައަށް ރާއްޖޭގައި ކިޔަވަން ލިބޭ މި ސްކޮލަޝިޕަށް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ. އެއީ އަންނަ މަހާއި ޖުލައި މަހުގެ ތެރޭގައި ކޮލެޖްތަކުގައި ވެސް ފަށާ ކޯސްތަކަށް ހާއްސަކޮށްގެންނެވެ.

ސްކޮލާޝިޕްގެ ދަށުން އައިޓީ ޓެކްނީޝަންގެ ދާއިރާ އާއި، ފަޔާ ފައިޓިން އާއި ޕްލަމްބާ، ކާޕެންޓްރީ، ނެޓްވޯކިން އަދި ލެބޯޓޮރީ ޓެކްނޮލޮޖިސްޓް ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން ކުރިމަތިލުމުގެ ޝަރުތުތަކު ތެރޭގައި ހިމެނެނީ މަދުވެގެން އޯލެވަލް ނުވަތަ އޭ ލެވަލް ފެންވަރަށް ކިޔަވައިގެން ހުރުމެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ޒުވާނުން ބިނާކޮށް ހުނަރުވެރިކުރުވުމަށާއި ވަޒީފާތައް އިތުރުކުރެއްވުމާ އެކު އެ ވަޒީފާތަކަށް ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވަަރަށް ޒުވާނުން އެކި ދާއިރާތަކުން ތަމްރީން ކުރެވި ވަޒީފާގެ މާހުއުލުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތުން ފާމަސީ އެސިސްޓެންޓް، ފޮޓޯގްރަފީ، އިލެކްޓްރީޝަން، އައިޓީ ދާއިރާ، ފްރޮންޓް އޮފީސް، އޮފީސް އެޑްމިނިސްޓްރޭޝަން، ރެފްރިޖިރޭޝަން އެންޑް އެއަރކޮންޑިޝަން، ކޭޝިއަރުން، ޓުއަރގައިޑް ފަދަ ދާއިރާތަކުން ޖުމުލަ 3387 މީހުން ތަމްރީނުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ. 

މީގެ އިތުރުން 500 ނަރުހުން ތަމްރީނުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ތެރެއިން މިހާރު ވެސް 103 ދަރިވަރަކު ދަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ތަމްރީނު ހޯދަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަހުގެ ތެރޭގައި 74 ނަރުހުން ރާއްޖެއިން ބޭރުން ތަމްރީން ވެގެން އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ލެބޯޓްރީ ޓެކްނޮލޮޖީ އާއި، ރޭޑިއޯގްރަފީގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ. 

ޢިލްމީ ގޮތުން ކުރިއަށް ދިއުމަށް ބޭނުންވާ ޒުވާނުންނަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ފާއިތުވީ ހަތަރު އަހަރު 5،200 އަށް ވުރެ ގިނަ ދަރިވަރުންނަށް މަތީތަޢުލީމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ.

ހަމައެހެންމެ ސްކޫލް ތަޢުލީމުގެ ފެންވަރު މަތިކުރުމަށް، ޓީޗަރުންގެ މަގާމުގެ އަސާސީ ޝަރުތަކީ ޑިޕްލޮމާ ފެންވަރުކަމުގައި ކަނޑައަޅައި، އެ ފެންވަރުގެ ސަނަދެއް ނެތް 1123 މީހުން ތަމްރީނުކޮށްފައިވާ ކަމަށާއި އަދި 3،000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 41 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް