ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 05:15
މުހައްމަދު ވަހީދު އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
މުހައްމަދު ވަހީދު އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ޓްވިޓަރ
ޕެނަލް ޑިސްކަޝަން
ސަރުކާރުން ވަނީ ދީނީ ކަންކަމަށް އިހުމާލުވެފައި: ވަހީދު
އިލްމުވެރިންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދައްކަން ޖެހުމަކީ ޝަރީޢަތް ޤާއިމްނުކުރެވޭކަމުގެ ހެއްކެއް
ދީނީ އިލްމުވެރިންނަށް ވަނީ ނުރައްކާވެފައި
ޚުޠުބާ ލިޔަން ޖެހިފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް

ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ދީނީ އިލްމުވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ވާހަކަ ދައްކަން ޖެހުމަކީ ޝަރީޢަތް ޤާއިމްނުކުރެވޭކަމުގެ ހެއްކެއްކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވަހީދު ވިދާޅުވީ ދިވެހި ސަރުކާރުން ދީނީ ކަންކަމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށާއި، ސަރުކާރުން އޮތީ ދީން ހިސާރުކޮށްފައިކަމަށެވެ. އަދި ދީނީ ވާހަކަ ދައްކާ ދީނީ އިލްމުވެރިންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށާއި، ދީނީ އިލްމުވެރިންނަށް ނުރައްކާވެފައިވާކަމަށް ވަހީދު ވިދާޅުވި އެވެ. އެގޮތުން ކޮރަޕްޝަނުގެ ވާހަކަ ދެއްކެވީތީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ޖަލަށް ލާފައިވާކަމަށާއި، ދީނީ އިލްމުވެރިއެއްކަމަށްވާ ޑރ އަފްރާޝީމް އަލީ ޤަތުލުކޮށްލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިޙާލަތަށް ދިޔުމުން ވަކި އަތަކަށް ބުރަ ނުވަ ތިބެން ދީނީ އިލްމުވެރިންނަށް ދަތިވެފައިވާކަމަށް ވަހީދު ވިދާޅުވި އެވެ. 

އޭނާ ވަނީ ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި އެކުލަވާލި ފިޤްހު އެކަޑަމީ އުވާލައި، ރައީސް ޔާމިން ޢައްޔަންކުރައްވާ ބޭފުޅުން ތިއްބަވާ ފަތުވާ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އެކޮމިޓީއަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތް އިރު، މިހާރު ހުކުރު ޚުޠުބާ ލިޔުއްވާ ބޭފުޅުންވެސް ޚުޠުބާ ލިޔުއްވަން ޖެހެނީ ސަރުކާރުން ބޭނުންވާ ގޮތަށް، ސަރުކާރުން ބޭނުންވާ މައުޟޫއަކަށް އަދި ސަރުކާރުން ބޭނުންވާ ވާހަކަތަކެއް ހިމަނައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ސަރުކާރުން ބޮޑެތި ފާފަތަކަށް އަރައިގަންނަތަން ފެންނަކަމަށެވެ. އެގޮތުން ހައްޤަކާއި ނުލައި ރައްޔިތުންނަށް  އަނިޔާކުރުމާއި، ކޮރަޕްޝަން އިންތިހާއަށް ފެތުރުމާއި، ސަރުކާރުން މީހުންގެ ގެދޮރުގެ ހުރުމަތް ކަނޑާލަމުންދާން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 34 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް