ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 19:56
ރާއްޖެ ވަޑައިގެންނެވި މެލޭޝިޔާގެ ބޮޑުވަޒީރާއި ރައީސް ޔާމިން ބައްދަލުކުރައްވަނީ
ރާއްޖެ ވަޑައިގެންނެވި މެލޭޝިޔާގެ ބޮޑުވަޒީރާއި ރައީސް ޔާމިން ބައްދަލުކުރައްވަނީ
ރައީސް އޮފީސް ޓްވިޓާ
ނަޖީބް ރައްޒާގު
އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ ބޮޑުވަޒީރު ނަޖީބާއި ރައީސް ޔާމިނަކީ "އެއްވަރެއްގެ ކޮރަޕްޓް" ބޭފުޅުންގެ ގޮތުގައި
ބޮޑުވަޒީރު ނަޖީބަށް ވެސް ކޮރަޕްޝަނުގެ ބޮޑެތި ތުހްމަތުތަކެއް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރޭ
އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ ރައީސް ޔާމިނާއި ނަޖީބަކީ ހުދުމުހްތާރު ވެރިންގެ ގޮތުގައި

މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަކީ "އެއްވަރުގެ ދެ ބޭފުޅުން" ކަމަށް ސިފަކޮށް އެ ދެ ބޭފުޅުންނަށް އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތައް އަމާޒު ވެއްޖެއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވުމުން އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ އެމަނިކުފާނަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ފާޑުކިޔާފައެވެ. އަދި ނަޖީބު ރައްޒާގަކީ ވެސް ރައީސް އަބްދުﷲ ޔާމިން ފަދައިން ވެރިކަން ކުރައްވާ ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވަނީ މެލޭޝިޔާގެ ބޮޑުވަޒީރާއި ރައީސް ޔާމީން އެކުގައި ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓް ކުރެއްވުމަށް ފަހު އެ ފޮޓޯއިން ކޮރަޕްޝަންގެ ބަރުދަން ހާމަވާ ކަމަށް ވިދާޅުވެފައެވެ. އިދިކޮޅު ލީޑަރުން ޖަލަށްލައި ރައްޔިތުންގެ ހައްގުތަކަށް ދެ ބޭފުޅުން ވެސް އަރައިގެންފައިވާ ކަމަށް މަހްލޫފު ތުހްމަތުކުރައްވަ އެވެ. އަދި ވިދާޅުވީ އެ ދެ ބޭފުޅުން "ވަގަށް ނަގާފައިވާ ފައިސާ އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރު" ކަމަށެވެ.

 

 

ޖުމްހޫރީ ޕާޓީގެ ކައުންސިލު މެންބަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ މޭލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވުމާ ގުޅުވައިގެން ފާޑު ވިދާޅުވެ ޓުވީޓް ކުރައްވާފައެވެ. އެގޮތުން މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވި ދުވަހަށް އިޝާރަތް ކުރައްވައި އޭނާ ވިދާޅުވެފައި ވަނީ އެއީ "ވެރިންގެ ކޮރަޕްޝަން ކިލޯއިން ކިރާ ނަމަ ރާއްޖެ އައި އެންމެ ބަރު ދުވަސް" ކަމަށެވެ.

 

 

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ "އެއްސިފަތަކެއް ލިބިގެންވާ ރައީސް ޔާމީންގެ ބޮޑު ބޭބެ ދާތޯ ސްރީ" ވަޑައިގެންފި ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

މެލޭޝިޔާގެ އިދިކޮޅު ފަރާތްތަކުން ވެސް ކޮރަޕްޝަނުގެ ބޮޑެތި ތުހްމަތުތަކެއް ބޮޑުވަޒީރު ނަޖީބަށް ކުރަމުންދެއެވެ. އެގޮތުން ސައުދީ އަރަބިއްޔާ އިން ގިނަ އަދަދެއްގެ ފައިސާތަކެއް ނަޖީބުގެ އެކައުންޓަށް ޖަމާކުރި މައްސަލައެއް ފަޅާއަރާފައިވާއިރު ސައުދީ ސަރުކާރުން ބުނެފައި ވަނީ އެއީ ނަޖީބަށް ދިން ހަދިޔާއެއް ކަމަށެވެ. އެކަން މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކަށް މާބޮޑު ކަމަކަށް ވެސް ނުވިއެވެ. ސަބަބަކީ ރާއްޖެއެކޭ އެއްގޮތަށް ބާރުތައް ނަޖީބުގެ އަތްދަށުގައި އޮތުމެވެ. 
 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 33 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް