ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 00:49
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު
ފާތިމަތު ޝަނާ މުހައްމަދު
މަސްވެރިންގެ ދުވަސް
މަސްވެރިންނަށްވީ ވައުދުތައް ނުފުއްދޭ، މަސްވެރިންގެ ތާއީދެއް ސަރުކާރަކަށް ނެތް: ޝަރީފު
މަސްވެރިންނަށް ހަމަ އަގުގައި މަސް ވިއްކޭނެ ނިޒާމެއް ނެތް: ޝަރީފް
މަސް އާލާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރަންޖެހޭ
މަސް ޕެކޭޖު ކުރުމުގައި ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރަންޖެހޭ

ފާއިތުވެދިޔަ އަހަރުތަކުގައި މި ސަރުކާރުން މަސްވެރިންނަށް ކޮށްދިން މަސައްކަތެއް ފެންނަން ނެތް ކަމަށާއި، މިކަންކަމަށް ރިއާޔަތްކުރާނަމަ، ގިނަ މަސްވެރިންގެ ވޯޓު، މި ސަރުކާރަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެންބަރު ޝަރީފު ވިދާޅުވީ، މިއަދު މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ، މަސްވެރިންނަށް މަސް ކިރޭނެ ރަނގަޅު އިންތިޒާމެއް ނެތުން ކަމަށެވެ. މިކަމަކީ ފާއިތުވެދިޔަ ސަރުކާރުތަކަށް އަދި މި ސަރުކާރަށްވެސް ހައްލެއް ހޯދައިދެވިފައިނުވާ ކަމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ޖުމްލަ ގޮތެއްގައި މުޅި ދުނިޔޭގައިވެސް މަސްވެރިކަން ދަށްވަމުންދާއިރު، ރާއްޖޭގައި ފެށުނީއްސުރެ މަސްވެރިކަން ކުރަނީ ވަރަށް ބޮޑަށް ބެލެހެއްޓިގެން، ދެމެހެއްޓެނިވި ގޮތަކަށް ކަމަށެވެ. ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުން ގިނަ އަދަދަކުން މަސް ބާނަމުންދާކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ، ރާއްޖޭގައިވެސް މަސް އާލާ ކުރުމުގެ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށެވެ.

ޝަރީފު ވިދާޅުވީ، މަސް ކިރުވުމަށް ވެސް މަސްވެރިންނަށް ދަތިތައް ކުރިމަތިވާ ކަމަށާއި، މަސް ކިރުވުމުގައި މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމް ކުރަންޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން މިފްކޯ ފަދަ ކުންފުނިތަކުން އަދިވެސް ބޭނުން ކުރަނީ ދަޅު މަސް އުފެއްދުމުގައި ކުރީގެ ޕެކޭޖިންގ ނިޒާމެއް ކަމުން، ޕެކޭޖު ކުރުމުގައިވެސް އަގު ހެޔޮ ނިޒާމެއް ބޭނުން ކުރަންޖެހިފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ޕެކޭޖިންގ އަށް ކުރާ ހޭދަ ކުޑަކޮށްގެން ނޫނީ ތައިލެންޑް ފަދަ ގައުމުތަކުގެ ކުންފުނިތަކާއި އެއް ހަމައަކަށް ރާއްޖޭގެ ދަޅު މަހާއި އެނޫންވެސް މަހުގެ އުފެއްދުންތަކުގެ މާކެޓް ފުޅާ ނުކުރެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، މަސް ވިއްކުމުގައިވެސް އަމިއްލަ އުޅަނދުތަކެއް ބޭނުންކޮށް، އެކި ސަރަހައްދުތަކަށް ފަސޭހަކަމާއެކު ވިއްކޭނެ ގޮތްތައް ފަހިކުރަންޖެހޭ ކަމަށާއި، މަސް ބާނާއިރު އެ ވިއްކާނެ ބަޔަކު ކުރިން ހޯދަންޖެހިފައިވާ ކަމަށެވެ.

"އެއްގޮތަކަށްވެސް މިފްކޯއަކަށްވެސް އައިސް ޕްލާންޓްތަކެއް ގާއިމްކޮށް ހިންގުމަކީ ފަސޭހަކަމެއް ނޫން. އެއީކީވެސް ފަސޭހަކަމެއް ނޫން. ގިނަ ދުވަސް ވަރަކީ މަސްވެރިކަން ނުކުރާ ދުވަސްވަރު. އެއީ މިހާރު ދިމާވާ އެންމެ ބޮޑު މައްސަލަ. ކަލެކްޓިންގ ވެސަލް ރާއްޖޭގައި އެންމެ އެކަށީގެންވާ އަދަދަކަށް ނެތް. ގިނަ ކުރަންޖެހޭ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، "ބެޔަސް ނުބެޔަސް" އަކީ މި ސަރުކާރުން މަސްވެރިންނަށް ގެނެސްފައިވާ އިންޝުއަރެންސް ސްކީމު ކަމުގައިވާއިރު، އެ ސްކީމަށް އެންމެ އެކަށީގެންވާ ގޮތެއްގައި މަސްވެރިން ހޭލުންތެރި ކުރެވިފައިނުވާ ކަމަށެވެ. އެގޮތުން ކައުންސިލްތައް މެދުވެރިކޮށްގެން ނަމަވެސް މި ސްކީމުގެ ކަންކަން މަސްވެރިންނަށް ކިޔައިދޭންޖެހޭއިރު، މިސްކީމަށް މަސްވެރިން ހޭލުންތެރި ކުރެވިފައިނުވުމުން އެކަމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ނަންގަވަންޖެހޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"މަސްވެރިންނަށް ވީ ވައުދުތަކުން ކަންކަން ކޮށްދޭ މަންޒަރެއް ނުފެނޭ. އެފްޓީއޭ(ފްރީ ޓްރޭޑް އެގްރީމެންޓް)ގައި ހުރި ކަންކަން ކުރުމުން ފައިދާތަކެއް ކޮށްފާނެ. އެހެންނަމަވެސް މި ސަރުކާރުން މިފާއިތުވެދިޔަ ދުވަސްވަރު މަސްވެރިކަން ތަރައްގީ ކުރުމަށް ކޮށްދިން މަސައްކަތްތަކެއް ފެންނާކަށް ނެތް،" ޝަރީފު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް