ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 18:22
މަސްވެރިންގެ ދުވަހަށް އިހަވަންދޫގައި ހެދި ގިޑިގެތަކެއް
މަސްވެރިންގެ ދުވަހަށް އިހަވަންދޫގައި ހެދި ގިޑިގެތަކެއް
ހުސެން ފިޔާޒް
މަސްވެރިންގެ ދުވަސް
އިހަވަންދޫ ކައުންސިލްގެ ރައްދު: އެއްބާރުލުން ނުދިނީއެއް ނޫން، އެއްބާރުލުން ޝައިނީ ބޭނުންފުޅު ނުވީ
ގިޑިގެތައް ނަގަން އެންގިޔަސް ނުނެގި
މަސްވެރިންގެ ޖަލްސާއަށް އެ ރަށުގެ ކައުންސިލްގެ މެމްބަރުންނަށް ދައުވަތެއް ނުދޭ
އިހަވަންދު އަށް ޝައިނީ އެރުއްވީ ފިޔާތޮށި ފޮތި ދެމުމަށް ފަހު

މި އަހަރުގެ މަސްވެރިންގެ ދުވަސް ހއ. އިހަވަންދޫގައި ފާހަގަކުރީ އެ ރަށު ކައުންސިލްގެ އެއްވެސް އެހީތެރިކަމެއް ނެތި ރައްޔިތުންގެ ތެރެއިން ބަޔަކު އަމިއްލައަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި ނަމަވެސް، އެކަން އެ ރަށުގެ ކައުންސިލުން ދޮގުކޮށްފި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އިހަވަންދޫގައި ބޭއްވި ޖަލްސާގައި ޝައިނީ ވިދާޅުވީ އެ ރަށުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރީ، ކުރީގެ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލަކާ އެއްގޮތަށް ކަމަށެވެ. އޭގެ ފަހުން ކައުންސިލް ބަދަލުވެފައިވާއިރު، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރީގެ ކައުންސިލުން އެކުލަވާލި ޕްރޮޕޯސަލްއާ އެއްގޮތަށް އަމަލުކުރާނެކަމުގެ ޔަގީންކަން މިހާރު އޮތް ކައުންސިލުން ދިން ކަމަށް ޝައިނީ  ވިދާޅުވި އެވެ. ނަމަވެސް އެކަމަށް އެއްބާރުލުން ނުލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު އިހަވަންދޫގައި އޮތީ އެމްޑީޕީގެ ކައުންސިލެކެވެ.

 

މަސްވެރިންގެ ދުވަހުގެ މަސައްކަތްތަކެއް މިނިސްޓަރު ޝައިނީކުރައްވަނީ

ފިޝަރީޒް މިނިސްޓަރު ޝައިނީގެ ވާހަކައަށް ރައްދު ދެއްވައި ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ގައުމީ ފެންވަރެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރާތީވެ، މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ކައުންސިލުން އިންތިޒާމުތައް ފެށި ކަމަށެވެ. ޒީނަތްތެރި ކުރުމާއި، މަރުހަބާ ކިޔުމަށް ތައްޔާރުވުމާއި، މެހުމާނުން ތިއްބެވުމުގެ އިންތިޒާމް އަދި ކެއިންބުއިމުގެ އިންތިޒާމު ހަމަޖެއްސެވި ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ ޖެހުނީ ކީއްވެ؟

އަށް އަހަރަށް ފަހު އިހަވަންދޫގައި މަސްވެރިންގެ ދުވަސް މި އަހަރު ފާހަގަކޮށްފައި ވާއިރު، އިންތިޒާމުތަކަށް ކައުންސިލުން ތައްޔާރުވަމުން ދިޔައީ ސަރުކާރާއި އެރަށުގައި ތިބި ޕީޕީއެމްގެ މެމްބަރުންނާ ވެސް ގުޅިގެންނެވެ.

"މިރަށުގެ ރައްޔިތުންނަކީ ގައުމީ ކަންކަމުގައި ސިޔާސީ ކަންކަން އިސްކުރާ ބައެއް ނޫން. އެހެންވެ، ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ލިބިގެން ދިޔަ. އެއްބާރުލުން ނުލިބޭ ކަމަށް ޝައިނީ ވިދާޅުވިޔަސް، ކައުންސިލާއި ރައްޔިތުންގެ އެހީތެރިކަން ލިބުނު. މައްސަލަ ދިމާވީ ސިޔާސީ ކުރި ހިސާބުން،" އޭނާ ވިދާޅުވި އެވެ.

 

އިހަވަންދޫގައި ފުރަތަމަ މައްސަލަ ދިމާވީ މަސްވެރިންގެ ދުވަހަށް ރަށް ޒީނަތްތެރިކޮށްފައި ވަނިކޮށް، ޕީޕީއެމްގެ މެމްބަރުން ރަށުގެ ބަނދަރުމަތީގައި، ފިޔާތޮށި ކުލައިގެ ފޮތި ދަމަންފެށުމުން ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރި ނަމަވެސް، ހުކުރު ދުވަހު ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ އެ ރަށަށް އަރައިވަޑައިގަތީ ބަނދަރުމަތީގައި ފިޔައިތޮށި ކުލައިގެ ފޮތި ދެމުމުން ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. ފޮތި ދެމެންދެން މިނިސްޓަރުގެ ލޯންޗުކޮޅު އޮތީ ކަނޑުމަތީގައި މަޑުކޮށްލައިގެންނެވެ.

 

މުހައްމަދު ރަޝީދު ވިދާޅުވި ގޮތުން ހަމައެކަނި ފޮތި ދަމާފައި ނިންމާލީއެއް ނޫނެވެ. މަރުހަބާ ކިޔުމަށް މާބޮނޑި އާއި އެ މާބޮނޑި ހިފައިގެން ހުރުމަށް ކައުންސިލްގެ ޓާސްކްފޯހުން ކުއްޖަކު ހަމަޖައްސާފައިވަނިކޮށް، އެހެން މާބޮނޑިއެއް ހަވާލުކުރީ، ޕީޕީއެމްގެ މެމްބަރުން ހަމަޖެއްސި ކުއްޖެކެވެ. މިނިސްޓަރާއެކު ވަޑައިގެންނެވި މެހްމާނުންނަށް ތައްޔާރު ކުރި ކުރުނބާ ނުހިއްޕެވި އެވެ. މިނިސްޓަރަށް ވެސް ފަރިއްކޮޅު ތައްޔާރުކޮށްފައި ވަނިކޮށް، ފަރިއްކުޅުއްވަނީ އެހެން ތަނަކުން ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ޝައިނީ އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް ހުރި ކަމަށާއި އެހެންވެ، މަސްވެރިން ދުވަހުގެ އިންތިޒާމުތައް އެހެން ބަޔަކާާ ހަވާލުކޮށްގެން ކުރިއަށް ގެންދާނެ ކަމަށް އިޝާރާކުރެއްވި ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. ޝައިނީގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގިޑިގެ ތަކުގެ މައްސަލަ އާއި ބައެއް އިންތިޒާމުތަކުގެ މައްސަލައެވެ.

"ރަށުގެ ބައެއް މަދުބަޔަކު [ޕީޕީއެމްގެ މެމްބަރުން] އޮތީ މިނިސްޓަރަށް ޝަކުވާ ގެންގޮސްފައި. ކައުންސިލްގެ އެއްބާރުލުން ނުލިބޭނެ ކަމަށް. އެއީ ހަގީގަތެއް ނޫން. މިކަން ގައުމީ ކަމަކަށްވުރެ ބޮޑަށް ސިޔާސީ ކަމަކަށް އެންމެ ފަހުވަގުތު ހެދުމުން ރަށުގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހުނު،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އެ ހިތްހަމަ ނުޖެހުން ސަރުކާރަށް ހައްލެއް ނުކުރެވުނު ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރި ޖަލްސާއަށް ކައުންސިލްގެ އެއްވެސް މެމްބަރަކަށް ދައުވަތު ނުދޭއިރު، ރަށުގެ މަސްވެރިންނަށް ވެސް ދައުވަތެއް ނުދެ އެވެ. އެހެންވެ، ޖަލްސާއަށް ރަށުގެ ގިނަ ބަޔަކު ހާޒިރުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ރަށްރަށުން އައި މީހުންނާއެކު ޖަލްސާއަށް ދިޔައީ ގާތްގަނޑަކަށް 130 ވަރަކަށް މީހުން. ޖަލްސާއަށް ދައުވަތު ނުލިބުނަސް، މި ރަށުގައި އެފަދަ ޖަލްސާއެއް ބާއްވާތީ ކައުންސިލްގެ މެމްބަރުން ދިޔައިން ޖަލްސާއަށް ވަންނަން. ފުލުހުން އެކަމަށް ހުރަސް އެޅީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ގައުމީ ދުވަހެއް ފާހަގަކުރާއިރު ރަށްވެރިކަމުގެ ތަރައްގީ ރަށަށް ލިބޭ ކަމަށާއި ނަމަވެސް މިފަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ރަށަށް އެއްވެސް ކަހަލަ ތަރައްގީއެއް ލިބިފައި ނެތް ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. 

މަސްވެރިންގެ ދުވަހުގެ ޖަލްސާއާ ދިމާކޮށް އިހަވަންދޫގައި ވަނީ ހޮނިހިރު ދުވަހުގެ ރޭ މުޒާހަރާވެސް ކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް