ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 16:57
މީރާގެ މުވައްޒަފުން އޮފީހުގައި މަސައްކަތްކުރަނީ
މީރާގެ މުވައްޒަފުން އޮފީހުގައި މަސައްކަތްކުރަނީ
ގޫގުލް
ޓެކްސް ނުދައްކާ ފަރާތްތައް
ޓެކްސް ނުދައްކާ 26 ފަރާތެއްގެ މައްސަލަ ކޯޓަށް ހުށަހެޅިފައިވޭ: މީރާ
މިމަހުގެ 06 ވަނަ ދުވަހު ތިން މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައި
އަމިއްލަ ފަރާތަކުން 1.9 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ހުކުމް ކޮށްފައިވޭ
ބޮޑެތި އަދަދުތަކުން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުގެ މައްސަލަތައް ހުށަހަޅާފައިވޭ

ދައުލަތަށް ޓެކްސް ނުދައްކާ 26 ފަރާތެއްގެ މައްސަލަ މިހާރުވެސް ސިވިލް ކޯޓުގައި ކުރިއަށްދާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފަ އެވެ.

މީރާއިން ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން ގިނަ މައްސަލަތަކެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާ އިރު މިމަހުގެ 06 ވަނަ ދުވަހު ވަނީ ތިން މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.  އޭގެ ތެރޭގައި މުހައްމަދު އަހުމަދު ދީދީ ނަމަކަށް ކިޔާ މީހަކު 7.1 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހި ނުދައްކާ ވާތީ އެ މައްސަލަވެސް ވަނީ ހުށަހަޅާފަ އެވެ. އޭގެ އިތުރުން ބެވަރޭޖް ޓްރިޕަލް ޕްރައިވެޓް ލިމިޓެޑުން 1.4 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ މައްސަލައެއްވެސް ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

މީގެ އިތުރުންވެސް މިފާއިތުވެ ދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ގިނަ މައްސަލަތަކެއް މީރާ އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެގޮތުން އޮކްޓޫބަރު މަހު އެކަނި ވެސް 12 މައްސަލައެއް މީރާއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައި މީރާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އަމިއްލަ ދެ ކުންފުންޏަކުން މީރާ އަށް ޓެކްސް ފައިސާގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މީރާ އިން ޓެކްސް ނުދައްކާ މައްސަލަތަކުގައި ތަފާތު އެކި ފިޔަވަޅުތައް އަޅަމުންދެ އެވެ. އެގޮތުން ޗެކް ބައުންސްވުމުން ނުވަތަ އެއްވެސް ސަބަބަކާހުރެ ޗެކް އަނބުރައި ލިބޭ ހާލަތްތަކުގައި ކަނޑައަޅައިފައިވާ މުއްދަތުތަކުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްނުކޮށްފި ކަމުގައިވާ ނަމަ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން އެފަރާތްތަކާ މެދު ދައުވާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް މީރާ އިން ކަނޑައަޅާފައިވާ އުސޫލުގައިވެ އެވެ. މީގެ އިތުރުން ޓެކްސް ދައްކަންޖެހޭ ފަރާތެއްގެ ޚަބަރެއް ނުވެ ކަނޑައަޅާފައިވާ މުއްދަތު ހަމަވެ، އެފަރާތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު 10،000 ރުފިޔާއަށް ވުރެ މަތިވެއްޖެ ނަމަވެސް އެފަރާތެއްގެ މައުލޫމާތު ގެޒެޓް ކުރެވޭނެ ކަމަށް މީރާއިން ބުނެ އެވެ. އަދި އެފަރާތެއް ދައްކަންޖެހޭ އަދަދު 50،000 ރުފިޔާއަށް ވުރެ އިތުރު ވެއްޖެ ނަމަ، އެފަރާތެއްގެ މައުލޫމާތު ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށްވެސް ހާމަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މި އުސޫލުގެ ދަށުން މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން ފައިސާ ދެއްކުމަށް އެދިއްޖެ ނަމަ، އެފަރާތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެ ޕޮލިސީގައިވާ ގޮތުގެ މަތިން ފުރުސަތުދެވޭނެ ކަމަށް މީރާއިން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް